ENGLISH

05 ޖުލައި 2026

Advertisement

އަޒްޓެކާގައި ބަދަލުހިފާކަށް ނޫޅެން، އައީ އައު ސަފުހާއެއް ލިޔަން: ޓުޗެލް

05 ޖުލައި 2026

|

އިސްމާއިލް ޝާހު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް --- ފޮޓޯ: އީޕީއޭ

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަޝްހޫރު އެއް ދަނޑު ކަމަށްވާ މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާގެ ޓީމުން ވަރަށް ބޮޑަށް އުއްމީދުކޮށްގެން ތިބި ކަމެއް ކަމަށް އިންގްލެންޑުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޓުޗެލް ބުނީ، "މިއީ ތާރީޚީ ތަނެއް، ތާރީޚީ ދަނޑެއް. އަދި މިއީ ވަރަށް މުހިންމު ނޮކްއައުޓް މެޗެއް. އަޒްޓެކާގައި މެކްސިކޯއާ ދެކޮޅަށް ކުޅުމަކީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަހަރެމެންނަށް އިހުސާސްކުރެވޭ،" ކަމަށެވެ.

މިއީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި ފަހުން، އިނގިރޭސި ޓީމު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ ރަސްމީ މެޗެވެ. އެ މެޗަކީ މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ލަނޑާއި "ގޯލް އޮފް ދަ ސެންޗަރީ" ފެނިގެންދިޔަ ތާރީޚީ މެޗެވެ.

ނަމަވެސް ޓުޗެލް ބުނީ މި މެޗަކީ ބަދަލުހިފުމަކާ ގުޅިފައިވާ މެޗެއް ނޫން ކަމަށެވެ. "އަހަރެމެން މިއައީ ބަދަލުހިފާކަށް ނޫން. އަހަރެމެން މިއައީ އައު ސަފުހާއެއް ލިޔަން. އަހަރެމެންގެ ރޫހު ހުރީ ވަރަށް މަތީގައި، އަދި މާދަމާގެ މެޗަށް މިތިބީ ފުރިހަމައަށް ތައްޔާރުވެގެން،" 

މި މެޗުގެ ކުރިން އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ މެކްސިކޯ ސިޓީ ކަނޑުގެ ސަތަހައަށްވުރެ 2،200 މީޓަރު އުހުގައި އޮތުމުން ދިމާވެދާނެ ދަތިތަކެވެ. އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ އަތުން މޮޅުވި މެޗަށްފަހު އާދީއްތަ ދުވަހުގެ މެޗާ ދެމެދު އިނގިރޭސި ޓީމަށް ލިބުނީ އެންމެ ހަތަރު ދުވަހެވެ.

މެކްސިކޯ ސިޓީގައި ބޭއްވި ފުރަތަމަ ފަރިތަކުރުންތަކަށްފަހު، މޫސުމީ ހާލަތަށް އިޝާރާތްކޮށް ޓުޗެލް ބުނީ، އުސްމިނުގެ ސަބަބުން ދިމާވާ ކަންކަމަކީ ކުޅުންތެރިން ބަހަނާއެއްގެ ގޮތުގައި ނުދައްކާނެ ކަމަށެވެ. "ފަރިތަކުރުންތަކުގެ ފުރަތަމަ ކޮޅުގައި ކުޅުންތެރިންނަށް އެކަމުގެ އަސަރު ކުރި. އެކަމަކު ވަގުތު ފާއިތުވަމުން ދިޔަވަރަކަށް އެކަމަށް ހޭނެމުން ދިޔަ. މިއީ ހާލަތު އޮތްގޮތް،" ޖަރުމަނަށް ނިސްބަތްވާ ކޯޗު ބުންޏެވެ.

މީގެ އިތުރުން، މެކްސިކޯގެ ފޯރިގަދަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު ކުރިމަތިވެދާނެ ނުތަނަވަސްކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޓުޗެލް ބުނީ، އެފަދަ ނުރައްކާތެރި މާހައުލެއް އޮވެދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެއީ ވަރަށް ފޯރިގަދަ އަދި އަމިއްލަ ޤައުމަށް ސަޕޯޓުކުރާ ބަޔަކު ތިބޭނެ މާހައުލެކެވެ. "އުސްމިނާއި ސަޕޯޓަރުންނަކީ ހާލަތު އޮތްގޮތް. އަހަރެމެން ޖެހޭނީ އެ ހުރަސްތަކުން އަރައިގަންނަން. އަހަރެމެންގެ ޓީމުގައި އެ ރޫހާއި، ސާބިތުކަމާއި، ވަރުގަދަ އަޒުމެއް އެބައޮތް،" އޭނާ އިތުރަށް ބުންޏެވެ.

މިކަމާ ގުޅޭގޮތުން މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ބުނީ، ކުރިމަތިވެދާނެ ގޮންޖެހުންތަކަށްވުރެ ބޮޑަށް، މި ފުރުސަތުގެ މުހިންމުކަން ކުޅުންތެރިން ބަލައިގެންފައިވާ ކަމަށެވެ. "މެކްސިކޯ ސިޓީގެ މި ދަނޑުގައި މެކްސިކޯއާ ދެކޮޅަށް ކުޅުމަށްވުރެ ބޮޑު ނުވަތަ ފުރިހަމަ ފުރުސަތެއް ނުލިބޭނެ،" އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މެކްސިކޯއަކީ ވަރަށް ވަރުގަދަ ޓީމެކެވެ. އަދި މިއީ ވަރަށް ބޮޑު އިމްތިހާނަކަށް ވީނަމަވެސް، ހުރިހާ ކުޅުންތެރިންވެސް ތިބީ މި މެޗަށް ކެތްމަދުވެފައެވެ. ކޯޗުގެ ވާހަކައަށް ތާއީދުކުރަމުން ހެންޑަސަން ބުނީ، ޓީމުގެ ފޯކަސް ހުރީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި ހުރި ކަންކަމަށް ކަމަށެވެ. "އުސްމިނާއި މެޗު ކުޅޭ ވަގުތަކީ އަހަރެމެންގެ ބާރުގެ ދަށުގައި ހުރި ކަންކަމެއް ނޫން. އަހަރެމެންގެ މަސައްކަތަކީ ކުރިއަށް އޮތް މެޗަށް ފުރިހަމައަށް ސަމާލުކަން ދިނުން. އެއްވެސް ބަހަނާއެއް ނެތް. އަހަރެމެން މިތިބީ ތައްޔާރަށް،" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު