ENGLISH
05 ޖުލައި 2026
ކުނި މެނޭޖުކުރާ މަރުކަޒުތައް 135 ރަށެއްގައި އެޅުން ކުރިއަށް؛ 21 ރަށެއްގެ މަރުކަޒު ނިންމައިފި
05 ޖުލައި 2026
|
ބ.މާޅޮހު ކުނި މެނޭޖުކުރާ ސެންޓަރު
އެންމެ މަޤްބޫލު
ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމުގެ ގޮތުން 135 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، 21 ރަށެއްގެ މަރުކަޒު އަޅައި ނިންމައިފިއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން "އެމްއެމްޓީވީ"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި މުއްދަތުގައި ހަތް ރަށެއްގައި ކުރިން އަޅާފައި ހުރި ކުނި މެނޭޖުކުރާ މަރުކަޒުތައް އަދާހަމަކޮށް ހުޅުވާފައިވެއެވެ. އެގޮތުން ކުނި މެނޭޖުކުރާ ނިޒާމުތައް އަދާހަމަކުރި ހަތް ރަށަކީ، ފ.މަގޫދޫއާއި، ފ.ނިލަންދޫއާއ، ދ.ރިނބިދޫއާއި، ދ.ކުޑަހުވަދޫއާއި، ލ.ފޮނަދޫއާއި، ލ.މާމެންދޫގެ އިތުރަށް މ.ދިއްގަރެވެ.
މި ހަތް ރަށުގައި ކުރިން ގާއިމުކޮށްފައި ހުރި މަރުކަޒުތައް ޒަމާނާ އެއްގޮތަށް އަދާހަމަކުރުމުގެ މަސައްކަތް ނިންމާފައިވާއިރު، އިތުރު 21 ރަށެއްގައި މުޅިން އަލަށް ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކޮށްފައިވެއެވެ.
މުޅިން އަލަށް މެނޭޖުކުރާ ނިޒާމު ގާއިމުކުރި ރަށްތަކަކީ؛
1 މ.މުލައް
2 މ.މުލި
3 މ.ކޮޅުފުށި
4 ތ.ބުރުނި
5 ތ.މަޑިފުށި
6 ތ.ގުރައިދޫ
7 ތ.ވަންދޫ
8 ތ. ތިމަރަފުށި
9 ތ.ކިނބިދޫ
10 ތ.އޮމަދޫ
11 ލ.ދަނބިދޫ
12 ލ.ގަން
13 ށ.މިލަންދޫ
14 ހދ.ހަނިމާދޫ
15 ށ.ކޮމަންޑޭ
16 ހދ. ނައިވާދޫ
17 އއ. ހިމަންދޫ
18 އއ. ފެރިދޫ
19 އއ. ތޮއްޑޫ
20 ކ. ހުރާ
21 ކ. ހިންމަފުށި
ހަތް ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒުތައް އަދާހަމަކޮށް 21 ރަށެއްގައި މުޅިން އަލަށް ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކޮށްފައިވާއިރު، 135 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ހަލުއި ދުވެލީގައި ކުރެވެމުންނެވެ.
މިއީ ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ.މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއެވެ. ރަށްރަށުގައި ކުނި މެނޭޖުކުރެވޭނެ ރަނގަޅު ނިޒާމުތަކެއް ނެތުމުގެ ޝަކުވާއަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ގިނަ ރައްޔިތުން ހިއްސާކުރި ޝަކުވާއެކެވެ.