ENGLISH
05 ޖުލައި 2026
ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގައި ރަފީނިއާ ފެނުމުގެ އުއްމީދު ބޮޑު: އަންޗެލޮޓީ
05 ޖުލައި 2026
|
ބްރެޒިލްގެ ފަރިތަކުރުންތަކުގެ ތެރެއިން ފޯވާޑް ރަފީނިއާ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މިރޭ ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގައި ރަފީނިއާ ފެނުމުގެ އުއްމީދު ބޮޑު ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ގްރޫޕް ސްޓޭޖުގައި ހައިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ ހަފުތާގެ މެދުކެނޑުމަކަށްފަހު، ރަފީނިއާ ވަނީ މިދިޔަ ހުކުރު ދުވަހު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.
އަންޗެލޮޓީ ބުނި ގޮތުގައި، ރަފީނިއާ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުމަށް އަދި ފުރިހަމައަށް ތައްޔާރެއް ނޫނެވެ. އެކަމަކު އާލިން ހާލަންޑް އިސްވެ ހުރެ ކުޅޭ ނޯވޭގެ ޓީމާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތެވެ.
"ރަފީނިއާގެ ހާލަތު އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުން، އޭނާ އަދި ސަތޭކަ އިންސައްތަ ފިޓެއް ނޫން. އެކަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ ފަހުވަގުތު ޓީމަށް އެހީވުމުގެ ފުރުސަތު ބޮޑު"
ކޯޗު ބުނީ ރަފީނިއާ އަނިޔާއިން ސަލާމަތްވެ، ކުޅުމުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްވެގެންދާތީ އުފާކުރާ ކަމަށެވެ. އެއީ ޓީމަށް ނުހަނު މުހިންމު ކުޅުންތެރިއެއްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް ޖަޕާން އަތުން 2-1 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވި މެޗުގައި، މިޑްފީލްޑަރު ލޫކަސް ޕަކޭޓާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުރިއިރު، އެހެން ހައްލެއް ހޯދަން ޖެހޭނެ ކަމަށް އަންޗެލޮޓީ ފާހަގަކުރިއެވެ. އަދި ޓީމުގެ މެދުތެރެއަށް މީގެ ސަބަބުން ބަދަލުތަކެއް އަންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
"ލޫކަސް ޕަކޭޓާގެ ފެންވަރުގެ ކުޅުންތެރިއަކު މި ސްކޮޑަކު ނެތް. އެހެންކަމުން އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ނެރެން ޖެހޭނީ، ކުޅުންތެރިންގެ ކިބައިގައި ހުންނަ ސިފަތައް ތަފާތުވާނެ. ޑަނީލޯ އާއި ގަބްރިއެލް ތަފާތު، ހަމައެގޮތަށް މެތިއަސް ކޫންޔާ އާއި އެޑަސަންވެސް ތަފާތު،"
ބްރެޒިލުން އިދިކޮޅަށް ނުކުންނަ ނޯވޭގައި ހާލަންޑް ފަދަ ވަރުގަދަ ކުޅުންތެރިއަކު ހުރުމަކީ ބޮޑު ނުރައްކަލެކެވެ. ހާލަންޑުގެ ހަލުވިކަމާއި މޮޅު ކުޅުމުގެ ސަބަބުން އޭނާ ވެފައިވަނީ މި މުބާރާތުގައި އިދިކޮޅު ޓީމުތަކުން އެންމެ ބިރުގަންނަ އެއް ފޯވާޑަށެވެ.
އަންޗެލޮޓީ ބުނީ ހާލަންޑަކީ ކާކުކަން އެންމެންނަށްވެސް އެނގޭ ކަމަށާއި، އޭނާ ކުޅޭގޮތް ޑިފެންޑަރުންނަށް ކިޔައިދޭކަށް ނުޖެހޭނެ ކަމަށެވެ.
ބްރެޒިލްގެ މިޑްފީލްޑަރު ބްރޫނޯ ގިމަރައެސް ބުނި ގޮތުގައި، މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ހާލަންޑަށް ބޭނުންވާ ފުރުސަތުތައް ހަނިކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. ގިމަރައެސް ލަފާކުރާ ގޮތުގައި ނޯވޭއިން ބްރެޒިލަށް ނުރައްކާ ކުރާނީ ސެޓް ޕީސްތަކުންނެވެ. އަދި މިއީ ވަރަށް ވާދަވެރި މެޗަކަށް ވާނެ ކަމަށް އޭނާ ސިފަކުރިއެވެ.
"އެމީހުން އަހަރެމެންގެ އޭރިއާ ތެރެއަށް ގިނަ ބޯޅަތަކެއް ފޮނުވާނެ. ކޮންމެ ކޯނަރަކުން ނުވަތަ ހިލޭ ޖެހުމަކުން ގޯލެއް ޖެހުމަށް އެމީހުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ، އެމީހުންގެ ވަރުގަދަ ކުޅުމުގެ ވައްޓަފާޅި ހުއްޓުވުމަށް މި ހަފުތާގައި އަހަރެމެން ވަރަށް ގިނައިން ފަރިތަކޮށްފިން. މިއީ ވަރަށް އުނދަގޫ މެޗަކަށް ވާނެ."
ގަދަ 16 ގައި ބްރެޒިލް އާއި ނޯވޭ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރުއެވެ. މިއީ މި ބުރުގައި އެންމެ ވާދަވެރި އެއްމެޗަށް ވާއިރު، މިއީ ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭނެ މެޗެވެ.