ENGLISH
05 ޖުލައި 2026
ކުޅުދުއްފުށީގައި ކެތްލެބްއެއް ގާއިމްކުރުމުގެ މަޝްވަރާތައް އަންނަނީ ކުރަމުން : ސީއީއޯ ހަލީމު
05 ޖުލައި 2026
|
އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުން - ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ކުޅުދުއްފުށީގައި ކެތްލެބެއް ޤާއިމްކުރުމަށް، އެރަށު ހޮސްޕިޓަލާއިއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ހިތުގެ ބަލީގެ ސެންޓަރަށް ދިހަ އަހަރުފުރުމާއި ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޢަބްދުއްރައްޒާގު ވިދާޅުވީ، ކުޅުދުއްފުށީގައި ކެތްލެބް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެހުމުން އުތުރުގައިވެސް ހިތުގެ ބަލިތަކަށް ފަރުވާދޭނެ ސެންޓަރެއް ގާއިމްކުރެވިގެންދާނެކަމަށް ވިދާޅުވެފައެވެ.
ސީއީއޯގެ ވާހަކަފުޅުގައި މިހާރު ކުރަމުން އަންނަ ބައެއް މަސައްކަތްތަކާއި، ކުރިއަށް ރާވާފައި ހުރި މުހިންމު ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ފެބްރުއަރީ މަހު ޚިދުމަތް ފަށާފައިވާ، އައްޑޫސިޓީގެ ކެތުލެބުގެ ޚިދުމަތް ކާމިޔާބު ކަމާއިއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. މިހާތަނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި 38 އެންޖިއޯގްރާމް، 20 އެންޖިއޯ ޕްލާސްޓީ، ކެރޮޓެޑް އާޓަރީގެ އެއް އެންޖިއޯގްރަފީ، އެއް ޕޭސް މޭކަރ އަދި އެއް އޭއައިސީޑީ އިމްޕްލާންޓް ކާމިޔާބުކަމާއިއެކު ކޮށްފައިވާ ކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް 10 އަހަރު ފުރުން ފާހަގަކުރުން - ފޮޓޯ: ރައީސް އޮފީސް
އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ ހިތުގެ ސެންޓަރުގެ ސަބަބުން، އެ ހޮސްޕިޓަލްއަށް އާންމުން ކުރަމުން އަންނަ އިތުބާރު ބޮޑުވެފައިވާ ކަން އަބްދުއްރައްޒާގު ފާހަގަކުރެއްވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތައް އިތުރުވެ، ހިތުގެ ފަރުވާ ހޯދުމަށް ބޭރަށްދާ ފަރާތްތައް މަދުވެފައިވާކަމަށް ވިދާޅުވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން ނޭޝަނަލް ކާޑިއެކް ސެންޓަރަކީ، މާލެ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އަދި އެންމެ ޚާއްސަ އެއްތަން ކަމަށެވެ.
އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ނަމޫނާ ހިދުމަތްތަކެއްކަން ފާހަގަ ކުރައްވާ ވިދާޅުވީ، އެ ސެންޓަރާއިއެކު ކާޑިއޯ ވަސްކިއުލާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލި ރާއްޖޭގައި ތިބެެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވެފައިވުމަކީ ބަލި މީހުންނަށް ލިބުނު ލުއިފަސޭހައެއް ކަމަށެވެ.
"ހިތުގެ ފަރުވާ ފަށާ، އެ ފަރުވާ އިތުރަށް ފުޅާކުރުމަށް ކުރީ އިޖާބީ މަސައްކަތެއް. މިއީ، ފަޚުރުވެރިވާންޖެހޭ ފަދަ ނަތީޖާއެއް. މިއީ، ރައްޔިތުންނަށް ލިބުނު އަގު ނުކުރެވޭ ފަދަ ހަދިޔާއެއް." ރައްޒާޤު ވިދާޅުވިއެވެ.
އެ ސެންޓަރުން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކަމަށާއި، ކުރިއަށްވެސް މުހިންމު އަމާޒުތަކެއް ހުރިކަމަށް ސީއީއޯ ވިދާޅުވިއެވެ. ހިތުގެ ބަލި މީހުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ނިސްބަތް ދަށް ކުރެވުމާއި، ޤާބިލް މީހުން ބިނާކުރުމުގައި އެ ސެންޓަރުން މުހިންމު ދައުރެއް އަދާކުރާ ކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިތުގެ ބަލިތަކާއި ނާރުގެ ބަލިތަކާއި އަދި ކެންސަރު ބަލިތަކަށް ދޭ ހިދުމަތް ރާއްޖޭގައި ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ސީއީއޯ ފާހަގަކުރެއްވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބޭނުންނުކޮށް ހުރުމުގެ ސަބަބުން މައްސަލަ ޖެހިފައި ހުރި ކެތްލެބުގެ ޚިދުމަތް އަލުން ފަށާފައިވަނީ މިވެރިކަމުގައި ކަމަށް ވިދާޅުވިއެވެ.