ENGLISH

02 ޖުލައި 2026

Advertisement

ޗައިނާގެ ބާޒާރުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން މަތީ ފަންތީގެ ޓީމެއް ޗައިނާއަށް

02 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ވަޑައިގެންނެވި މަތީ ފަންތީގެ ޓީމު

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ ފަންތީގެ ޓީމެއް ޗައިނާއަށް ރަސްމީ ދަތުރެއް ފަށައިފިއެވެ. 

މިއަދުން ފެށިގެން ޖުލައި 11، 2026 ވަނަ ދުވަހާ ހަމައަށް ކުރިއަދާ މިދަތުގައި ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއާއި، ވިޒިޓްް މޯލްޑިވްސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ޤައުމީ އެއާލައިނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަމްސީލުކުރާ މަދަނީ ޖަމްއިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. 

މި ޓީމުން ޗައިނާގެ މުހިއްމު ބައެއް ސިޓީތައް ކަމަށްވާ ބެއިޖިންއާއި، ޝަންހާއީއާއި، ޗެންގްޑޫއަށް ޒިޔާރަތްކުރައްވާނެއެވެ. އެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހާރިސް މުހައްމަދެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ބައިވެރިވެވަޑައިގަންނާވާނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިބްރާހީމް ޝިއުރީއެވެ. 

މި ޓީމުގެ ދަތުރުގެ ބޭނުމަކީ މެދުއިރުމަތީގައި ކުރިއަށްދާ ހަމަނުޖެހުންތަކާއި ނުތަނަވަސްކަމުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ. ސަރުކާރުން އަންނަނީ ބައިނަލްއަގުވާމީ މަސްރަހުގައި ފެންމަތިވާ ގޮންޖެހުންތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ފަތުރުވެރިކަމުގެ މުހިއްމު މާކެޓުތަކާ އިތުރަށް ގުޅުން ބަދަހިކޮށް، ހުއްޓުމެއް ނެތި ރާއްޖެއަށް ފަތުރުވެރިން އަންނާނެ މަގުތަކެއް ފަހިކުރުމެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ދަތުރުގައި ޗައިނާ ސަރުކާރުގެ އިސްވެރިންނާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި ދަތުރުފަތުރާ ބެހޭ ފަންނިއްޔާތުގެ ދާއިރާގެ ކުންފުނިތަކާ އެ ޓީމުން ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޒިޔާރަތްކުރާ ސިޓީތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ހާއްސަ ނެޓްވޯކިން ހަރަކާތްތަކެއް ބާއްވާނެއެވެ. 

މި އަހަރުގެ މިހާތަނަށް ޗައިނާއިން 168،677 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންނަށްވުރެ 19.8 އިންސައްތަ އިތުރު އަދަދެކެވެ. 

ކިޔުންތެރިންގެ ހިޔާލު