ENGLISH

02 ޖުލައި 2026

Advertisement

ވޯލްޑް ކަޕާ ގުޅިގެން އޮންލައިންކޮށް ކުރާ ފުރައްސާރަ 13 ގުނަ އިތުރުވެފައިވޭ: ފީފާ

02 ޖުލައި 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ކޮންގޯ އާއި އުޒްބަކިސްތާން ބައްދަލުކުރި މެޗުގެ ކުރިން، އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމް ތެރޭގައި ވޯލްޑް ކަޕްގެ ލޯގޯ ދައްކާލާފައިވާ މަންޒަރު --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގެ މެޗުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުންނަށް ފުރައްސާރަކޮށްފައިވާ 89،000 އަށްވުރެ ގިނަ ޕޯސްޓު އެ އިދާރާގެ ޑިޖިޓަލް މޮނިޓަރިންގ ނިޒާމަށް ފާހަގަކުރެވިފައިވާ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ހާމަކޮށްފިއެވެ. މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕާ އަޅާބަލާއިރު 13 ގުނަ އިތުރު އަދަދެކެވެ.

ފީފާގެ ސޯޝަލް މީޑިއާ ޕްރޮޓެކްޝަން ސަރވިސް (އެސްއެމްޕީއެސް) އިން ހަ މިލިޔަނަށްވުރެ ގިނަ ޕޯސްޓާއި ކޮމެންޓް ބަލައި ދިރާސާކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ މުބާރާތަށްވުރެ 33 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ފާހަގަވި ފުރައްސާރައިގެ 11 އިންސައްތައަކީ ނަސްލީ ތަފާތުކުރުންތަކާ ގުޅުންހުރި މެސެޖުތަކެވެ. ފީފާއިން ފާހަގަކުރި ގޮތުގައި، ގަތަރުގެ މުބާރާތާ އަޅާބަލާއިރު ނަސްލީ ގޮތުން އިހާނެތިކޮށް ހިތާ މިންވަރު ވަނީ 3 އިންސައްތަ އިތުރުވެފައެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފެންނަ އެންމެ ދަށު ދަރަޖައިގެ، ހުތުރު އަދި އިހާނެތި ބަސްމަގު ބޭނުންކުރުން އިންތިހާއަށް އިތުރުވެފައިވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެސްއެމްޕީއެސް އަކީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކާއި، ކުޅުންތެރިންނާއި، ކޯޗުން އަދި މެޗު އޮފިޝަލުން ތަފާތުކުރުންތަކާއި ފުރައްސާރައިން ރައްކާތެރިކުރުމަށް ގާއިމުކޮށްފައިވާ ނިޒާމެއް ކަމަށެވެ. މި ނިޒާމުގެ ތެރެއިން ޒަމާނީ ޓެކްނޮލޮޖީއާއި އިންސާނީ މެދުވެރިންގެ އެހީގައި، ނަސްލީ ތަފާތުކުރުންތަކާއި ބިރުދެއްކުމުގެ މެސެޖުތައް ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރެއެވެ.

ފީފާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޝައްކުކުރެވޭ 225،000 ޕޯސްޓެއް އިންސާނީ މޮޑަރޭޓަރުން ބަލައި ދިރާސާކުރިއެވެ. އޭގެ ތެރެއިން 89،000 ޕޯސްޓަކީ ފުރައްސާރައިގެ އަމަލުތައް ހިމެނޭ ޕޯސްޓުތަކެއްކަން ޔަގީންކޮށް ފިޔަވަޅު އަޅާފައިވާއިރު، ގާތްގަނޑަކަށް 1،000 އެކައުންޓެއްގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ވަނީ ފޮނުވާފައެވެ. މިފަހަރުގެ މުބާރާތުގައި ޓީމުތަކުގެ އަދަދު 32 އިން 48 އަށް އިތުރުވުމަކީވެސް ދިރާސާކުރަންޖެހުނު މައުލޫމާތުގެ މިންވަރު އިތުރުވި ސަބަބެއް ކަމަށް ފީފާއިން ބުނެއެވެ.

މީގެ އިތުރުން މި ނިޒާމުގެ ތެރެއިން ޓީމުތަކުގެ ރަސްމީ އެކައުންޓުތަކަށް އަމާޒުވި 181،000 އެއްހާ ނަފުރަތުގެ ކޮމެންޓުތައް ވަނީ އޮޓޮމެޓިކުން ފޮރުވާފައެވެ. އަދި ގްރޫޕް ސްޓޭޖުގައި ދެ މިލިޔަނަށްވުރެ ގިނަ ކޮމެންޓުތަކަށް ފިޔަވަޅު އަޅާފައިވާއިރު، މީގެ ތެރޭގައި ފޭކު އެކައުންޓުތަކާއި، "ބޮޓް" ތަކުން ފޮނުވާފައިވާ މެސެޖުތައް ހިމެނެއެވެ.

ފީފާއިން ބުނި ގޮތުގައި އެސްއެމްޕީއެސްގެ މަސައްކަތުގެ ތެރެއިން، ގާނޫނީ ފިޔަވަޅު އެޅުމަށް ބޭނުންވާ ހެކިތައް އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ގާނޫނީ ގޮތުން ދައުވާ ކުރެވޭ ފަދަ 100 އަށްވުރެ ގިނަ މައްސަލަ މިހާރު ވަނީ ފާހަގަކުރެވިފައެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ނާކާމިޔާބުވުމާ ގުޅިގެން، ނެދަލެންޑްސްގެ ކުޅުންތެރިން ކަމަށްވާ ޖަސްޓިން ކްލައިވަޓް، ކުއިންޓަން ޓިމްބަރ އަދި ކްރައިސެންޝިއޯ ސަމަރވިލްއަށް އިންޓަނެޓުގައި ނަސްލީ ގޮތުން ބޮޑެތި ފުރައްސާރަތަކަކާ ކުރިމަތިލާންޖެހުނުކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު