ENGLISH

02 ޖުލައި 2026

Advertisement

ކޯޗިން ސްޓާފުން ބަދަލުނުކުރަނީސް، ސެނެގޯލަށް ކުޅުން ހުއްޓާލުމަށް ގޭއި ނިންމައިފި

02 ޖުލައި 2026

|

އިސްމާއިލް ޝާހު

ސެނެގޯލްގެ މިޑްފީލްޑަރު ޕާޕް ގޭއި --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުން ސެނެގޯލް ކެޓުމާ ގުޅިގެން، އެ ޓީމުގެ މިޑްފީލްޑަރު ޕާޕް ގޭއި ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. އޭނާ ބުނި ގޮތުގައި މިހާރު ތިބި ކޯޗިން ސްޓާފުން މަގާމުގައި ތިބިހާ ހިނދަކު ދެން ޤައުމީ ޓީމުން އޭނާ ނުފެންނާނެއެވެ.

ބެލްޖިއަމްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ސެނެގޯލުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، އިތުރު ވަގުތު ކުޅެގެން 3-2 ގެ ނަތީޖާއަކުން ބެލްޖިއަމް އަތުން ބަލިވެ ސެނެގޯލް ވަނީ މުބާރާތުން ކަޓާފައެވެ. މި މެޗުގެ ކުރީކޮޅު ހަބީބު ޑިއާރާ އާއި އިސްމާއިލާ ސާ ޖަހައިދިން ލަނޑުތަކާއެކު، ސެނެގޯލް އޮތީ މޮޅުވެ ދެވަނަ ބުރަށް ދާނެ ފަދަ އުއްމީދީ ހާލަތެއްގައެވެ.

މި މުބާރާތުގައި ދެ ލަނޑު ކާމިޔާބުކޮށްފައިވާ ގޭއި، މެޗުގެ 60 މިނެޓަށް ފަހު ބަދަލުކުރިއެވެ. ކޯޗު ޕާޕް ތިއޯ، ގޭއިގެ ބަދަލުގައި ލަމީން ކަމާރާ ކުޅެން އެރުވީ ޓީމުގެ ލީޑު ދަމަހައްޓައި، ދިފާއީ ކުޅުމެއް ކުޅުމުގެ މަގުސަދުގައެވެ. ނަމަވެސް، މެޗުގެ ފަހު ހަތަރު މިނެޓުގެ ތެރޭގައި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އާއި ޔޫރީ ޓީލަމަންސް ޖެހި ލަނޑުތަކުން ނަތީޖާ އެއްވަރުވެ، މެޗު އިތުރު ވަގުތަށް ދިޔައެވެ.

ބެލްޖިއަމް މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑަކީ ސެނެގޯލްގެ ބަދަލު ކުޅުންތެރިޔާ ކަމާރާ އަތުން ހެދުނު ގޯހަކާ ގުޅިގެން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއަކުން، ޓީލަމަންސް ކާމިޔާބުކުރި ލަނޑެކެވެ.

ކިޔުންތެރިންގެ ހިޔާލު