ENGLISH

02 ޖުލައި 2026

Advertisement

ޕީއެސްވީ ދޫކޮށް މޮރޮކޯގެ ސައިބާރީ ބަޔާން މިއުނިކަށް

02 ޖުލައި 2026

|

އިސްމާއިލް ޝާހު

މޮރޮކޯގެ ފޯވާޑް އިސްމާޢީލް ސައިބާރީ --- ފޮޓޯ: ގެޓީ

ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަންއަށް ކުޅެމުން އައި މޮރޮކޯގެ ފޯވާޑް އިސްމާޢީލް ސައިބާރީ، ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ.

މި ޓްރާންސްފާގެ ތަފުސީލުތައް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި އެއްބަސްވުމުގެ އަގު 55 މިލިޔަން ޔޫރޯ (63 މިލިޔަން ޑޮލަރު) އަށް އަރައެވެ.

ބަޔާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ޕީއެސްވީ އައިންދޯވަންއަށް ކުޅެމުންދިޔަ އުމުރުން 25 އަހަރުގެ ސައިބާރީ މިހާރު ވަނީ ބަޔާން މިއުނިކާ ގުޅިފައި. އޭނާ މިވަގުތު ހުރީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ ވޯލްޑް ކަޕުގައި މޮރޮކޯގެ ޤައުމީ ޓީމަށް ކުޅުމަށް ގޮސް. މުބާރާތް ނިމުމާއެކު އޭނާ ނެދަލެންޑްސްގެ ޗެމްޕިއަން ޓީމުން މިއުނިކަށް ބަދަލުވާނެ،" ކަމަށެވެ.

ބެލްޖިއަމްގެ ގެންކްއިން 2020 ވަނަ އަހަރު ޕީއެސްވީއާ ގުޅުނު ސައިބާރީ ވަނީ އެ ކުލަބަށް ކުޅުނު 142 މެޗުގައި 42 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާގެ އެންމެ ކާމިޔާބު ސީޒަނަކީ ނިމިދިޔަ ސީޒަނެވެ. އެގޮތުން ލީގުގެ 27 މެޗުގައި 15 ލަނޑު ޖަހައި، ޕީއެސްވީއަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.

"ބަޔާން މިއުނިކް ކަހަލަ ކުލަބަކާ ގުޅުމަކީ ކޮންމެ ކުއްޖަކުވެސް ކުޑައިރު ދެކޭނެ ހުވަފެނެއް. އެއީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބުކަން އެންމެނަށްވެސް އެނގޭނެ،" ސައިބާރީ ބުންޏެވެ. "ބަޔާނަކީ ކޮންމެ އަހަރަކުވެސް ޗެމްޕިއަންސް ލީގު ފަދަ ބޮޑެތި މުބާރާތްތަކަށް ވާދަކުރާ ޓީމެއް. އަހަރެން ބޭނުމީ މި ކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން،"

މި އަހަރުގެ ވޯލްޑް ކަޕުގައި މޮރޮކޯގެ ޓީމުގައި ސައިބާރީ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ސްކޮޓްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން މޮރޮކޯ މޮޅުވި މެޗާއި، ހައިޓީ އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި އޭނާ ލަނޑު ޖަހާފައިވެއެވެ. މީގެ އިތުރުން ދެވަނަ ބުރުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި މޮރޮކޯ މޮޅުވި ފަހު ޕެނަލްޓީ ކާމިޔާބުކުރީވެސް އޭނާއެވެ.

ކިޔުންތެރިންގެ ހިޔާލު