ENGLISH
02 ޖުލައި 2026
ކީސްޓޭޖު އެކެއްގެ ދަރިވަރުންނަށް ނޮވެންބަރު މަހު ބައިނަލްއަގުވާމީ އިމްތިހާނެއް ބާއްވަނީ
02 ޖުލައި 2026
|
ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު
އެންމެ މަޤްބޫލު
ކީ-ސްޓޭޖު އެކެއްގަައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް އަންނަ ނޮވެންބަރު މަހު ބައިނަލްއަގުވާމީ އިމްތިހާނެއް ކުރިއަށްގެންދަން ނިންމަވާފައިވާކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ކީ-ސްޓޭޖު-3 ގައި 2025 ވަނަ އަހަރު ކިޔެވި ދަރިވަރުންގެ އުނގެނުމުގެ ނަތީޖާތައް ވަޒަންކޮށް ތައްޔާރުކުރި ރިޕޯޓު ޝާއިއުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ތައުލީމީ ކަންކަމުގައި ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތަކީ ހެކިތަކުގެ މައްޗަށް ބިނާކޮށް ތައުލީމީ ނިޒާމު ބައްޓަންކުރުން ކަމަށެވެ. އަދި ކުރިންވެސް ކީ ސްޓޭޖް-1 އަދި ކީ ސްޓޭޖް-2 ދަރިވަރުންގެ ތައުލީމީ ފެންވަރު ވަޒަންކުރި ނަމަވެސް އެ ނަތީޖާތަކަށް ތައުލީމީ ސިޔާސަތު ބައްޓަންކުރުމުގެ މަރުހަލާގައި އެކަށީގެންވާ ގޮތަކަށް ރިއާޔަތްކުރެވިފައި ނެތް ކަމަށެވެ.
ވަޒީރު ވިދާޅުވީ ފާއިތުވި އަހަރު އެ މަރުހަލާތަކުގައި ކިޔަވާ ދަރިވަރުންގެ އުނގެނުމާ ގުޅޭ ކަންކަން ވަޒަންކުރުމަށްފަހު ދެނެގަނެވިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، މިހާރު ކުރެވެމުންދާ އެންމެ މުހިއްމު އެއް މަސައްކަތަކީ މަންހަޖަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށެވެ.
އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތަށް، ކީ-ސްޓޭޖު-އެކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ އުސޫލުތައް ދަރިވަރުންނާއި މުދައްރިސުންނަށް އެންމެ ފައިދާވާނެ ގޮތަށް ބައްޓަންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ބަދަލުތައް ގެނައުމުގައި ކޮލިޓީ އެޝުއަރެންސް ޑިޕާޓުމެންޓުން ކުދިންގެ އުނގެނުމުގެ ނަތީޖާތައް ވަޒަންކުރުމަށް ހަދާފައިވާ އެސެސްމެންޓުތަކަށް ރިއާޔަތްކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
ކީ-ސްޓޭޖު އެކެއްގެ ނަތީޖާތަކަށް ބަލާއިރު ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަކުރެއްވޭތީ މިހާރު މަންހަޖަށް ގެންނަ ބަދަލުތަކުގެ ސަބަބުން ހިސާބު މާއްދާ ކިޔަވައިދޭން ހޭދަކުރާ ވަގުތު އިތުރުވާނެކަމަށާއި، ހިސާބު މާއްދާގެ ނަތީޖާ ރަނގަޅުކުރުމަށް އެ މާއްދާ ކިޔަވައިދޭ މުދައްރިސުންނަށް އިތުރު ތަމްރީނުތައް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އަހަރު ނޮވެންބަރު މަހުގައި ކީ-ސްޓޭޖު އެކެއްގެ ދަރިވަރުންނަށް މުޅިން އަލަށް ބައިނަލްއަގުވާމީ އިމްތިހާނެއް ބާއްވައި، ދުނިޔޭގެ އެހެން ގައުމުތަކުގެ އެ އުމުރުފުރާގެ ދަރިވަރުންނާއި ދިވެހި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު އަޅައިކިޔައި ވަޒަންކޮށް ރަނގަޅުކުރަންވީ ކަންކަން ދެނެގަތުމަށް މަގުފަހިވާނެ ކަމަށްވެސް ޑރ.ޝަފީޢު ވިދާޅުވިއެވެ.
"މި އަހަރުގެ ނޮވެމްބަރ މަހު މުޅިން އަލަށް ދިވެހިރާއްޖޭގެ ދަރިވަރުން ކީ ސްޓޭޖް-1ގެ ދަރިވަރުން އެ ދަރިވަރުންގެ އެއްއުމުރުފުރާގެ ބައިނަލްއަޤްވާމީ ކުދިންނާއި، އެކުދިންގެ ނަތީޖާއާއި އަޅާކިޔާ ލެވޭވަރުގެ އިމްތިހާނެއް ހެދިގެންދާނެ. އެއިން އެނގިގެންދާނެ ކިހާ ހިސާބެއްގައިތޯ ދަރިވަރުން ހިސާބުގެ ޢިލްމު، ސައިންސްގެ ޢިލްމު، އިނގިރޭސިގެ ޢިލްމު މިހުރީ އެހެން ކުދިންނާއި، އަޅާ ކިޔާއިރުގައި. ގެންނަން ޖެހޭ ބަދަލުތައް ނިޒާމަށް ގެނެވޭނީ މައުލޫމާތުތައް ލިބިގެން،" ވަޒީރު ވިދާޅުވިއެވެ.
ކުދިންގެ އުނގެނުމުގެ ފެންވަރު ވަޒަންކުރުމުގެ އިތުރަށް ކުދިން މަދުރަސާއަށް ދާ މިންވަރު ކައިރިން ބަލައި ވަޒަންކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އޯލެވެލް އަދި އޭލެވެލް މަރުހަލާގައި ދަރިވަރުންގެ ނަތީޖާއަށް އިސްކަންދިނުމާއެކު، އިބްތިދާއީ ތައުލީމުގެ މަރުހަލާގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުކޮށް، އެއަށްވުރެ މަތީ މަރުހަލާތަކަށް ދަރިވަރުން ރަނގަޅަށް ތައްޔާރުކުރުމަށް ސަމާލުކަންދިނުމަކީ ރައީސް ޑރ.މުޢިއްޒު އިސްކަންދެއްވާ ސިޔާސަތެކެވެ.