ENGLISH
02 ޖުލައި 2026
އަދަބު ލުއިކޮށްދީ އަދި މައާފުކޮށް ދޫކުރި ކުށްވެރިންގެ އަދަދު %87 ދަށަށް
02 ޖުލައި 2026
|
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުން ލިބިދޭ އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމުގެ ބާރު ބޭނުންކުރައްވައިގެން މުޖުތަމައަށް ދޫކުރެއްވި ކުށްވެރިންގެ އަދަދު 87 އިންސައްތަ ދަށްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އެމްއެމްޓީވީ"އިން އެދިގެން ރައީސް އޮފީހުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެންބަރު 17 ވަނަ ދުވަހާ ދެމެެދުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުގެ ތެރެއިން ޖުމްލަ 2،257 ކުށްވެރިން އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިނިވަންކުރެއްވިއެވެ.
2019 އިން 2023ގެ ނޮވެންބަރު 17 އަށް ކުށްވެރިން މިނިވަންކުރި އަދަދުތައް؛
1- 2019: 762 ކުށްވެރިން
2- 2020: 376 ކުށްވެރިން
3- 2021: 437 ކުށްވެރިން
4- 2022: 253 ކުށްވެރިން
5- 2023 ގެ ޖަނަވަރީން ނޮވެންބަރު 17 އާ ހަމައަށް: 429 ކުށްވެރިން
ރައީސް ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު އެމަނިކުފާނުވަނީ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ބޭނުންކުރައްވައިގެން ޖުމްލަ 1،138 ކުށްވެރިން ދޫކުރައްވާފައެވެ. 2019 ވަނަ އަހަރު މިނިވަންކުރެއްވި ކުށްވެރިންގެ ތެރެއިން ހުށަހެޅުނު އިލްތިމާސަަކާ ގުޅޮިގެން މިނިވަންކުރެއްވީ 94 ކުށްވެރިންނެވެ. އެ އަހަރު މިނިވަންކުރެއްވި ގައިދީންގެ ތެރެއިން ބާކީ ތިބި 668 މީހުންނަކީ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ތެރެއިން ދޫކުރެއްވި މީހުންނެވެ.
ޖެހިގެންއައި 2020 ވަނަ އަހަރު ރައީސް ޞާލިޙު މިނިވަންކުރެއްވި މީހުންގެ ތެރެއިން ހުށަހެޅުނު އިލްތިމާސަކާ ގުޅިގެން މިނިވަންކުރެއްވީ 130 މީހުންނެވެ. ބާކީ 246 މީހުންނަކީ ގާނޫނުން އެމަނިކުފާނަށް ލިބިވަޑައިގަތް އިހުތިޔާރު ބޭނުންކުރައްވައިގެން މިނިވަންކުރެއްވި މީހުންނެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު މިނިވަންކުރި މީހުންގެ އަދަދަށް ބަލާއިރު 2024 ވަނަ އަހަރު މިނިވަންކުރެއްވީ 92 ގައިދީންނެވެ. އެއިން 54 މީހުންނަކީ ހުށަހެޅުނު އިލްތިމާސަކާ ގުޅިގެން މިނިވަންކުރެއްވި މީހުންނެވެ. ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ދޫކުރެއްވީ 38 މީހުންނެވެ.
ޖެހިގެންއައި 2025 ވަނަ އަހަރު ރައީސް ޑރ.މުޢިއްޒު މިނިވަންކުރެއްވީ 52 ގައިދީންނެވެ. އެ 52 މީހުންނަކީ އެމަނިކުފާނަށް ހުށަހެޅުނު އިލްތިމާސަކާ ގުޅިގެން އެމަނިކުފާނު މިނިވަންކުރެއްވި މީހުންނެވެ.
ޖުމްލަ އަދަދަށް ބަލާއިރު، ރައީސް ޑރ.މުޢިއްޒުގެ ދައުރުގެ ފުރަތަމަ ދެ އަހަރު ތެރޭ ޖަލުން ދޫކުރެއްވީ ޖުމްލަ 144 މީހެކެވެ. އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު މިނިވަންކުރި ގައިދީންގެ އަދަދާ އަޅާބަލާއިރު 87.3 އިންސައްތަ ދަށް އަދަދެކެވެ.
ރައީސް ޞާލިޙުގެ ވެރިކަމުގައި ގިނަ އަދަދެއްގެ ކުށްވެރިން މުޖުތަމައުގެ ތެރެއަށް ނެރުނުއިރު، އެމީހުންގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، މީހުން މެރުން ފަދަ ބޮޑެތި ކުށްތަކުގައި އަދަބު ތަންފީޒުކުރަމުންއައި މީހުން ހިމެނެއެވެ. ގިނަ މީހުން މިނިވަންކުރެއްވީ އެމީހުންގެ އަދަބު ކުރުކޮށްދެއްވުމަށްފަހުއެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ހުންނެވިކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގެންނެވި ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ މައްޗަށް އިއްވި 20 އަހަރުގެ ޖަލު ހުކުމުވެސް ފަސް ދުވަހަށް ކުރުކޮށްދެއްވައި އޭނާ މިނިވަންކުރެއްވީ ރައީސް ޞާލިޙެވެ.