ENGLISH

28 ޖޫން 2026

Advertisement

އިންގްލެންޑަށް ގްރޫޕުގެ އެއްވަނަ، ގާނާ ބަލިކޮށް ކްރޮއޭޝިއާ ދެވަނަ ބުރަށް

28 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ޕެނަމާ ކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ބެލިންހަމް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެލްގެ އެއްވަނަ އިންގްލެންޑުން ހޯދިއިރު، ގާނާ ބަލިކޮށް ދެވަނަ ޓީމުގެ ގޮތުގައި ކްރިއޭޝިއާ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މިރޭ ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ ޕެނަމާ އަތުން 2-0 ގެ ނަތީޖާއަކުންނެވެ. އަދި ކްރޮއޭޝިއާއިން ވަނީ 2-1 ގެ ނަތީޖާއަކުން ގާނާ ބަލިކޮށްފައެވެ.

މިރޭގެ މެޗުތަކާ ކުރިމަތިލިއިރުވެސް އިންގްލެންޑާއި، ގާނާއަށް ވަނީ ދެވަނަ ބުރުގެ ޖާގަތައް ކަށަވަރުވެފައެވެ. އިންގްލެންޑުން މި ގްރޫޕުގެ އެއްވަނަ ހޯދާފައިވަނީ ހަތް ޕޮއިންޓާއެކުއެވެ. ދެވަނައަށްދިޔަ ކްރޮއޭޝިއާއަށް ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި ނިންމި ގާނާއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އެއާއެކު ތިންވަނައަށް ދާ ޓީމުތަކުގެ ތާވަލުގެ ގަދަ 8 ޓީމުގެ ތެރޭގައި ގާނާ ވަނީ ހިމެނިފައެވެ. އަދި މި ގްރޫޕުގެ ފުލަށްދިޔަ ޕެނަމާ މި ފަހަރުގެ ވޯލްޑް ކަޕުންވެސް ކެޓީ ތިން މެޗުން ބަލިވެ، ޕޮއިންޓެއް ނުލިބިއެވެ.

ވޯލްޑް ކަޕުގައި ޕެނަމާ ކޮޅަށް ލަނޑު ޖެހުމަށްފަހު އިންގްލެންޑުގެ ކެޕްޓަން ކޭން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕެނަމާއިން އުފެއްދި ކައުންޓަރ އެޓޭކުތަކުގެ ސަބަބުން އިނގިރޭސި ޓީމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް ދެވަނަ ހާފުގައި އިންގްލެންޑުން މެޗުގެ ކޮންޓްރޯލް ނެގިއިރު، މެޗުގެ 62 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކުރި ލަނޑާއެކު ވަނީ ލީޑު ނަގާފައެވެ.

އޭގެ ފަސް މިނެޓު ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކެޕްޓަން ހެރީ ކޭން ލަނޑެއް ޖަހައި، ވޯލްޑް ކަޕް ތާރީޚުގައި އިނގިރޭސިވިލާތަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ވަނީ ހޯދާފައެވެ. އޭނާ ވަނީ ވޯލްޑް ކަޕުގައި 11 ލަނޑު ހަމަކޮށް، ގޭރީ ލިނެކާގެ ގިނަ ދުވަސްވީ ރިކޯޑު މުގުރާލާފައެވެ.

މި މޮޅާއެކު އިންގްލެންޑުން ގްރޫޕުގެ އެއްވަނަ ކަށަވަރުކުރިއިރު، ގަދަ 32 ޓީމު ވާދަކުރާ ބުރުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ސެނެގޯލް ނުވަތަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއާއެވެ.

ވޯލްޑް ކަޕުގައި ގާނާ ކޮޅަށް ލަނޑު ޖެހުމަށްފަހު ކްރޮއޭޝިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

މީގެ އިތުރުން އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމުގައި ކުޅުނުމެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ 17 ވަނަ މިނެޓުގައެވެ. ކްރޮއޭޝިއާގެ ނިކޮލާ ވްލަސިޗް ފޮނުވާލި މި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މިދިޔަ ހަފުތާގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގާނާއިން ދިފާއީ ކުޅުމެއް ކުޅެ މެޗު އެއްވަރުކުރި ނަމަވެސް، މި މުބާރާތުގައި އެ ޓީމު ކޮޅަށް ވަން ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ބައިގަޑިއިރު ފާއިތުވިތަނާއެވެ. ކްރޮއޭޝިއާގެ ޕެޓާ ސޫޗިޗަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި، ގޯލާ 35 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލާފައެވެ.

އެ ވަގުތު އިންގްލެންޑާއި ޕެނަމާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން، ޒްލަޓްކޯ ޑަލިޗުގެ ކްރޮއޭޝިއާ އޮތީ ގްރޫޕުގެ އެއްވަނައިގައެވެ. ނަމަވެސް ފަހުން އިންގްލެންޑް 2-0 އިން މޮޅުވުމުން، ކްރޮއޭޝިއާ ދެވަނައަށް ވެއްޓުނެވެ. އަދި މެޗު ނިމެން 17 މިނެޓަށް ވެފައި ވަނިކޮށް ޑެރިކް ލުކާސެން ގާނާއަށް ނަތީޖާ އެއްވަރުކޮށްދިނުމުން، ކްރޮއޭޝިއާ ތިންވަނައަށްވެސް ވެއްޓުނެވެ. މި ލަނޑު ބަލައިގެންފައިވަނީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ގިނަ ވަގުތުތަކެއް ވަންދެން ބެލުމަށްފަހުއެވެ.

އެކަމަކު ލޫކާ މޮޑްރިޗް ނެގި ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނިކޮލާ ވްލަސިޗް ވަނީ ކްރޮއޭޝިއާއަށް އަލުން ކުރި ހޯދައިދީފައެވެ. މި ނަތީޖާއާއެކު އިންގްލެންޑުގެ ފަހަތުން ގްރޫޕުގެ ދެވަނަ ކްރޮއޭޝިއާއަށް ކަށަވަރުވިއެވެ.

ޒްލަޓްކޯ ޑަލިޗުގެ ޓީމު ދެވަނަ ބުރުގައި ބައްދަލުކުރާނީ ގްރޫޕް ކޭގެ ދެވަނަ ހޯދާ ޓީމަކާއެވެ. މި ވަގުތު އެ މަގާމުގައި އޮތީ ޕޯޗުގަލްއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 3 ވާ ހުކުރު ދުވަހު ކެނެޑާގެ ޓޮރޮންޓޯގައެވެ. ގްރޫޕުގެ ތިންވަނަ ލިބުނު ގާނާ ދެވަނަ ބުރުގައި ވާދަކުރަންޖެހޭނެ ޓީމެއް އެނގޭނީ މިއަދު ހެނދުނު ކުޅޭ މެޗުތަކަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު