ENGLISH
28 ޖޫން 2026
ކިޑްސަލް: އެލީޓް އާއި އެސްޕަޔަރ ފައިނަލަށް
27 ޖޫން 2026
|
ކިޑްސަލްގައި އެލީޓް އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން : ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކިޑްސަލް 2026 ގެ ފައިނަލަށް އެލީޓް އެކެޑަމީ އާއި އެސްޕަޔަރ އެކެޑަމީ ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ.
މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އެލީޓުން ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން 6-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި އެލީޓުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ރައުޝަމް ރަމީޒް، ކިޔާން ބިން އަލީ ރަޒީ، އާދު ބިން މުޙައްމަދު ނިޔާޒް އަދި ޔޫސުފް ލުގްމާން ނަސީމެވެ. މީގެ ތެރެއިން ރައުޝަމް އާއި އާދު ވަނީ، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ނިއު ރޭޑިއަންޓުގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި ރާއިޝް ރަމީޒާއި، ޔޫސުފް ލާއިގު އިބްރާހީމެވެ.
ކިޑްސަލްގައި އެސްޕަޔަރ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން : ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން މި މުބާރާތުގެ ފައިނަލަށް އެސްޕަޔަރ ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ކުލަބު ވެލެންސިއާ އަތުން 10-5 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި އެސްޕަޔަރގެ އަޙްމަދު އާހިލް ހުސައިން ހަތަރު ލަނޑު ޖެހިއިރު، ޔަލްސަން ބިން ހިސާން ވަނީ ހެޓްރިކެއް ހަދާފައެވެ. ވެލެންސިއާގެ މުޙައްމަދު ލީވާން އަލީ އަތުން ބައިކޮޅަށް ލަނޑެއް ވަންއިރު، އެސްޕަޔަރގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މީކާ މުޙައްމަދު ކަލީމް އާއި އަޙްމަދު ޔާލް ޝުޖާއުއެވެ. މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި އިބްރާހީމް އިލްޔާސް ބިން ހަސަން އާއި ދެ ލަނޑު ކާމިޔާބުކުރި އަލީ އަޒީން އާދިލެވެ.
މި ނަތީޖާތަކާއެކު ކިޑްސަލްގެ ފައިނަލަށް އެލީޓް އާއި އެސްޕަޔަރ ދަތުރުކުރިއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:15 ގައެވެ.
ކިޑްސަލްގެ ސެމީ ފައިނަލް މެޗުތަކުގެ މެދުތެރެއިން މިރޭ ބޯކޮށް ވާރޭވެހި، ދަނޑުފައި ފެން ބޮޑުވުމާ ގުޅިގެން، ކްލަސިކް މުބާރާތުގެ މިރޭ ކުޅެން ތާވަލުކޮށްފައި އޮތް ދެ މެޗު ވަނީ މާދަމާ ހަވީރަށް ފަސްކޮށްފައެވެ.