ENGLISH
28 ޖޫން 2026
ޔޫތު ޗެމްޕިއަންޝިޕް: މާޒިޔާ އާއި ކެޔޮދުއަށް ރަނގަޅު ފެށުމެއް
27 ޖޫން 2026
|
ޔޫތު ޗެމްޕިއަންޝިޕުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މާޒިޔާ
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ކުޅުނު ފުރަތަމަ މެޗުތަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކެޔޮދޫ މޮޅުވެއްޖެއެވެ.
އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ މާޒިޔާ އާއި، ކެޔޮދޫގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސް ކުލަބެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، ފުރަތަމަ މެޗުން މާޒިޔާ ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓީސީ ބަލިކޮށްފައެވެ. މި މެޗުގައި މާޒިޔާގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ ނަހީކް އަޙްމަދު ނިޔާޒް ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑުތައް ޖަހައިދިނީ އަނޫފް އަބްދުالله އާއި، އާއިދު މުޙައްމަދު ޖަވީޒެވެ.
މި މުބާރާތުގައި މިރޭ ކުޅުނު މެޗުން ކެޔޮދޫ މޮޅުވީ ބުރު ސްޕޯޓްސް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން 23 ވަނަ މިނެޓުގައި އަޙްމަދު ރައްޔާން އާދަމް ވަނީ ކެޔޮދުއަށް ލީޑު ނަގައިދީފައެވެ. އެކަމަކު މެޗުގެ 75 ވަނަ މިނެޓުގައި ބުރު ސްޕޯޓްސްއިން ނަތީޖާ އެއްވަރުކުރިއިރު، ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ އަޒްހަދު މުޙައްމަދު ޒާހިދެވެ. މި މެޗުން ކެޔޮދޫ މޮޅުވީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން މުޙައްމަދު ޝައްމާހު ސޮލާހު ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މުބާރާތުގެ މެޗެއް މާދަމާރޭ ކުޅޭއިރު، އެ މެޗުގައި ވާދަކުރާނީ އޮޑި ސްޕޯޓްސް އާއި ނިއު ރޭޑިއަންޓެވެ.