ENGLISH

25 ޖޫން 2026

Advertisement

ހައްދުންމަތީގެ ދެވަނަ އެއާޕޯޓު އިސްދޫ-ކަލައިދޫގައި ތަރައްގީކުރަނީ

25 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްދޫ-ކަލައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ލ.އަތޮޅުގެ ރައްޔިތުންނަށް ވައުދުވެވަޑައިގަތް ގޮތަށް އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރަން ނިންމައި، އެ އެއާޕޯޓު އަޅާ ރަށެއްގެ ގޮތުގައި އެ އަތޮޅުގެ އިސްދޫ-ކަލައިދޫ ކަނޑައަޅައިފިއެވެ. 

އިސްދޫ-ކަލައިދޫއަކީ ބިން ބޮޑު ރަށަކަށްވުމާއެކު، ތަރައްގީއާއި އާބާދީ އެއްފަސްކުރުމުގެ ވިސްނުމުގެ ދަށުން ތަރައްގީކުރުމުގެ ޖާގަ އޮތް ރަށެކެވެ. އަދި އެ ރަށް އޮންނަ ސަރަަހައްދަކީ ތަބީއީ ގޮތުން ރީތި ގިނަ ރަށްތަކެއް ހުރި ސަރަހައްދަކަށްވާތީ، އެ ސަރަހައްދަކީ މުސްތަގުބަލުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ސަރަހައްދެއްވެސްމެއެވެ. 

އެ ރަށަކީ ހައްދުންމަތީގެ އެންމެ އުތުރަށް އެޮންނަ ރަށްކަމަށްވާއިރު، މިހާރު އެ ރަށުން ލ.ކައްދޫގައި އޮންނަ އެއާޕޯޓަށް ދަތުރުކުރުމަށް 45 މިނިޓު ހޭދަވެއެވެ. އަދި އެ ރަށް ކައިރީ އޮންނަ ދަނބިދޫއާއި މައިބާދޫގެ ރައްޔިތުންވެސް ކައްދޫއަށް ކުރަންޖެހެނީ ދިގު ދަތުރެކެވެ. 

އެހެންކަމުން އިސްދޫ-ކަލައިދޫގައި އައު އެއާޕޯޓެއް ތަރައްގީކުރެވުމަކީ އެ ތިން ރަށުގެ ރައްޔިތުންނަށްވެސް ގިނަގުނަ ލުއިތަކެއް ލިބިގެންދާނެ ކަމެއްކަމަށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

ކަނޑުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމާއެކު، މުޅި ރާއްޖެ ވައިގެ ދަތުރުފަތުރުގެ ވިއުގައަކުން ގުޅައިލެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ ތަސައްވުރެކެވެ. އެ ތަސައްވުރާ އެއްގޮތަށް މި ސަރުކާރުން އަންނަނީ އިގުތިސާދީ ގޮތުން މުހިއްމު ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. 

އެގޮތުން މިހާރުވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްގެން މުހިއްމު އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ބައެއް ރަށްރަށުގައި ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް ނިންމައި، އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވަނީ ފަށާފައެވެ. 

މާލީ ދަތިތަކާއެކުވެސް ރައްޔިތުން ބޭނުންވާ މިފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ސަރުކާރުންދަނީ ތަރުތީބުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު