ENGLISH
25 ޖޫން 2026
ތާރު އަޅަން ފަށާތީ، ހެންވޭރު ޓާމިނަލާ ދިމާލުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި
25 ޖޫން 2026
|
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތްކުރަނީ. ތާރު އަޅަން ފަށާތީ އެ ސަރަޙައްދުގެ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އަންގާފަ. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި، ކާނިވާ ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ދިމާލުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.
އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، އަންނަ ބުދަ ދުވަހު ތާރު އަޅަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ތައްޔާރީތައް ފެށުމުގެ ގޮތުން މިރޭ 11:50 އިން ފެށިގެން ކާނިވާ ސަރަހައްދުން ތާރު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ނަގަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ. މި ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ އާންމުންގެ ކިބައިން މާފަށް އެދިފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ތާރު އަޅާނީ ހެންވޭރު ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހިސާބަށެވެ. ބާކީ ބައިގެ މަސައްކަތް ފަށާނީ ފުރަތަމަ ފޭސް ނިމުމުންނެވެ.
ހެންވޭރު ޓާމިނަލުން ފެށިގެން ކާނިވާ ޕާކިން ޒޯނަށް ވަންނަ ސަރަހައްދު ވަގުތީގޮތުން ބަންދުކުރި ނަމަވެސް، އެ ޕާކިން ޒޯނުގެ އެތެރޭގައި ވެހިކަލް ޕާކުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މަގުގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ ޖުލައި މަހުގެ 26 ގެ ކުރިން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.
މިދިޔަ މާޗު މަހުގެ 23 ގައި ފެށި މި މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި މިހާރު ވަނީ ފޭސް އެކެއްގެ ނަރުދަމާ އާއި، ފެން ލައިނާއި، މައި ފެން ހޮޅިލުމުގެ މަސައްކަތުގެ އިތުރުން ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަނުގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކޮށް ނިންމާލުމާއެކު، އެ ސަރަޙައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފަސޭހަވެގެންދާނެއެވެ.