ENGLISH
25 ޖޫން 2026
މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި
25 ޖޫން 2026
|
މަސްތުވާތަކެތީގެ މައްސަލާގައި މާލެއިން ހައްޔަރު ކުރި ދެ މީހުން-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ބުނީ، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ރ. ދުވާފަރުން މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލެއިން ހައްޔަރު ކުރި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައެވެ. އެގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. މޫންލައިޓްވިޔު / މާލެ، މުޙައްމަދު ޢުމައިރު (58އ) އާއި ގުލްއަލާގެ / ލ. ދަނބިދޫ، މާޝާ އިބްރާހީމް (38އ) އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހު 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
އެ އޮޕަރޭޝަންގައި، މި ދެމީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލާގައި ރ. ދުވާފަރުން ހައްޔަރުކޮށްފައިވަނީ އެރަށު މާވެލި، މާޢިޝް އަޙްމަދު (21އ) އެވެ. ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހު އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 75 ރަބަރު ޕެކެޓު މާއިޝް އަތުން ފެނިފައިވާކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލާގައި ރ. ދުވާފަރުން ހައްޔަރު ކުރި މީހާ-- ފޮޓޯ: ފުލުހުންގެ އިދާރާ
މި މައްސަލައާ ގުޅިގެން މާއިޝް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި ދެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންކަމަށް އެ ހިދުމަތުން ބުނެފައިވެއެވެ.