ENGLISH

25 ޖޫން 2026

Advertisement

ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫ ކައުންސިލުން ފުރުސަތު ހުޅުވާލައިފި

25 ޖޫން 2026

|

ޢަލީ ޝަހީމް

ހިރިމަރަދޫ. އެރަށުގެ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ހަނިމާދޫ ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލާފައި.

ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ހިޖުރަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު، އެ ރަށް ބެލެހެއްޓުމާ މިހާރު ހަވާލުވެފައިވާ ހަނިމާދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ. 

މި ފުރުސަތު ހުޅުވާލާފައިވަނީ ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމައި، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމަށް ދީފައިވާ ރަސްމީ ދައުވަތަކާ ގުޅިގެންނެވެ. 

ހަނިމާދޫ ކައުންސިލުން އިއްޔެ މިކަން ހާމަކުރީ ކައުންސިލުން އާންމުކުރި އިއުލާނެއްގައެވެ. 

ކައުންސިލުގެ އިއުލާނުގައި ބުނފައިވަނީ، އެގޮތަށް ހުޅުވާލީ ހޯރަފުށީގެ ކުރީގެ ކައުންސިލްގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް، މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ނިންމާފައިވާ ނިންމުމަކާ ގުޅިގެން ކަމަށެވެ. އެ ނިންމުމާ އެކު އޭރު ފޮނުވި ސިޓީއަށް ރިއާޔަތްކޮށް، ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރުމަށް މިހާރު ވަނީ އަންގައިފަ އެވެ.

މިކަމަށް އެދޭ ފަރާތްތަކުން ހިރިމަރަދޫގައި ހިންގި ކުރީގެ ކައުންސިލް އިމާރާތް ނުވަތަ ހަނިމާދޫ ކައުންސިލް އިދާރާއަށް ހާޒިރުވެގެން ނަން ނޯޓުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން، ކައުންސިލްގެ ރަސްމީ މެއިލް މެދުވެރިކޮށް ނުވަތަ 4002064 ނަމްބަރު ފޯނަށް ގުޅައިގެން ވެސް ނަން ހުށަހެޅޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ ރަށް ހަނިމާދޫ ކައުންސިލްގެ އިހުތިސާސްގެ ދަށަށް ބަދަލުކުރައްވައިފަ އެވެ.

ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮންނައިރު ހިރިމަރަދޫއަކީ އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުގެ ހިސާބުތަކަށް ބަލާއިރު، އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، އެ ރަށުގައި ރައްޔިތުން ދިރިއުޅޭހާ ހިނދަކު ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު