ENGLISH

25 ޖޫން 2026

Advertisement

ވޯލްޑް ކަޕް އީދު ވީއައިއޭއަށް؛ މުވައްޒަފުންނާއި ފަސިންޖަރުންނަށް މެޗުތައް ބަލައިލެވޭނެ ފުރިހަމަ އިންތިޒާމުތަކެއް!

25 ޖޫން 2026

|

އާމިނަތު ނުޒްލާ

ވޯލްޑް ކަޕްއަށް ވީއައިއޭގައި ވެފައިވާ ތައްޔާރީތައް-- ފޮޓޯ: އެމްއޭސީއެލް

ވޯލްޑް ކަޕުގެ ފޯރި މުޅި ރާއްޖޭގައި ގަދަވެފައިވާއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް މިކަމަށް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

އެމްއޭސީއެލްގެ ހެޑް އޮފް ކޯޕަރޭޓް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަން ހަސަން ޣައްސާން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެ ކުންފުނިން ވޯލްޑްކަޕަށް ދުރާލާ ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ވޯލްޑް ކަޕް މެޗްތަށް ބޮޑު ސްކްރީނުން ބަލައިލެވޭނެ ހަތަރު ތަނެއް ތައްޔާރުކޮށްފައިވާކަމަށް ޣައްސާން ވިދާޅުވިއެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްއަކީ ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމަށް ބޭނުންކުރާ އެއާޕޯޓްއަކަށްވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުފަތުރުކުރުމުގައި ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ބޭނުންކުރާ ފަރާތްތައްވެސް އެހާމެ ގިނައެވެ.

ޣައްސާން ވިދާޅުވީ، ވޯލްޑް ކަޕް މެޗުތައް ލައިވްކޮށް ބެލުމަށް ދެ ސެޓަޕެއް ތައްޔާރުކުރެވިފައިވާ ކަމަށެވެ. އެގޮތުން ފަސިންޖަރުންނަށް މެޗުތައް ބަލުމަށް ދެ ތަނެއްގައި އިންތިޒާމް ގާއިމްކޮށްފައިވާއިރު، މުވައްޒަފުންނަށްވެސް ހާއްސަ ދެ ތަނެއް ވަނީ ތައްޔާރުކޮށްފައެވެ. މި ސަރަހައްދުތައް ވަނީ ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ ދިދަތަކުން ޒީނަތްތެރިކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ސްކްރީން ބެހެއްޓިފައިވަނީ ޓާރމިނަލް 1 ގައި ޣައްސާން ފާހަގަކުރެއްވިއެވެ.

ވޯލްޑް ކަޕްއަށް ވީއައިއޭގައި ވެފައިވާ ތައްޔާރީތައް-- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަލް އެއާޕޯޓްގައި ވޯލްޑް ކަޕް ބެލުމަށް ތައްޔާރުކުރެވިފައިވާ ތަންތަން:

  • އެއާޕޯޓް ރިކްރިއޭޝަން ސެންޓަރ ހޯލް (އޭއާރްސީ ހޯލް)
  • ޓްރާންޕޯޓް ގްރައުންޑް އެޓް އީސްޓާރން ސައިޑް
  • ޓާމިނަލް 1
  • ޓާމިނަލް 2

ވޯލްޑް ކަޕްގެ ފޯރި ދުވަހެއް ދުވަހަކަށް ގަދަވަމުން އަންނައިރު، އެ ކުންފުނިންވެސް މިހާރު ވަނީ މުވައްޒަފުންނަށް އަމާޒުކޮށް ޚާއްސަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ހަފްތާގެ ކޮންމެ ބުރާސްފަތި ދުވަހެއްގައި، އެ މުވައްޒަފަކު ސަޕޯޓްކުރާ ޓީމްގެ ޖޯޒީލައިގެން އޮފީހަށް އައުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި މުވައްޒަފުންގެ މެދުގައި ފޯރި އިތުރުކުރުމަށް މެޗްތަކުގެ ސްކޯ ދިމާކުރުމުގެ މުބާރާތެއްވެސް ހުޅުވާލެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. މި މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިން ވަނައަށް އަންނަ ފަރާތްތަކަށް އަގުހުރި އިނާމުތަކެއްވެސް ކަނޑައަޅާފައިވާކަން ޣައްސާން ފާހަގަކުރެއްވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ، މިފަދަ ސެޓަޕްތަކެއް ގާއިމްކުރުމުގެ މަޤްޞަދަކީ ވީއައިއޭގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށާއި، އަދި ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް އުފާވެރި މާހައުލެއްގައި ފޯރީގައި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.

ވޯލްޑްކަޕްގައި މިހާރު ޓީމުތައް ކުޅެމުން އަންނަނީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުތަކެވެ. އެހެންކަމުން ކޮންމެ ގްރޫޕަކުންވެސް ނޮކްއައުޓް ބުރަށް ދިއުމަށް ހިތްވަރާއެކު މަސައްކަތް ކުރަމުން އަންނައިރު، މި މެޗުތަކުގެ ފޯރިވަނީ އިންތިހާއަށް ގަދަވެފައެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ ތިން ގައުމެއްގައި ބާއްވާ، 48 ޓީމަކުން ބައިވެރިވެފައިވާ އެންމެ ހާއްސަ މުބާރާތެވެ. 

ކިޔުންތެރިންގެ ހިޔާލު