ENGLISH
25 ޖޫން 2026
ވޯލްޑް ކަޕުގެ ދެވަނަ ބުރުގެ ޖާގައެއް އައިވަރީ ކޯސްޓަށް ހައްގު: ކޯޗު
25 ޖޫން 2026
|
އައިވަރީ ކޯސްޓުގެ ކޯޗު އެމާސް ފޭ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީގައި ކިއުރަސޯއާ ދެކޮޅަށް ކުޅޭ ފަހު މެޗަށް ތައްޔާރުވަމުން އަންނައިރު، ކުޅުނު ފުރަތަމަ ދެ މެޗުންވެސް މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމުގެ ހައްގު އެ ޓީމަށް އޮތްކަން ސާބިތުކޮށްދީފައިވާ ކަމަށް އައިވަރީ ކޯސްޓުގެ ކޯޗު އެމާސް ފޭ ބުނެފިއެވެ.
އައިވަރީ ކޯސްޓުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި އެކުއަޑޯ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ޖަރުމަނާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުގެ ކުރީކޮޅު ލީޑު ނަގާފައިވަނިކޮށް، ފަހު ހާފުގައި ވަނީ ދެ ލަނޑު ވަދެ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
"އަހަރެން ދެކޭގޮތުގައި މީގެ އެންމެ މުހިންމު ކަމަކީ އެކުއަޑޯ އާއި ޖަރުމަނާ ދެކޮޅަށް ދެއްކި ސީރިއަސްކަމާއި، ވިސްނުމާއި، އަދި ކުޅުމުގެ ފެންވަރު މި މެޗުގައިވެސް ދެމެހެއްޓުން،" މިރޭގެ މެޗުގެ ކުރިން ފޭ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އިދިކޮޅު ޓީމަށް އިހުތިރާމުކޮށް، ރަނގަޅު ކުޅުމެއް ދައްކައިފިނަމަ، މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ޑެނިޒް އުންޑާވް ޖެހި ލަނޑުން ބަލިވުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އެ ޓީމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. މެޗުގެ 87 ވަނަ މިނެޓުގައި ސައިމަން އަޑިންގްރާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުނުނަމަ މެޗުގެ ނަތީޖާ ތަފާތުވީސްކަންވެސް ފޭ ފާހަގަކުރިއެވެ.
"ކޮންމެ ފުޓްބޯޅަ ކުޅުންތެރިއަކަށްވެސް ފުރުސަތުތައް ގެއްލޭނެ. ސައިމަން އަތުން އެ ގެއްލުނު ފުރުސަތާ މެދު އަހަރެން އޭނާއަށް އެއްވެސް މަލާމާތެއް ނުކުރަން. އަދި އެކަން އޭނާއަށާއި މުޅި ޓީމަށް ވެސް ވާނީ ބުނެދީފައި،" ކޯޗު ބުންޏެވެ.
ފޭ ބުނި ގޮތުގައި ފަންނީ ގޮތުން ހެދޭ ގޯސްތަކަކީ އޭނާއަށް މާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ. އެންމެ މުހިންމު ކަމަކީ އަލުން މަސައްކަތަށް އެނބުރި އައުން ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި ސައިމަން އައިވަރީ ކޯސްޓަށް ގިނަ ލަނޑުތަކެއް ޖަހައިދޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އޭނާ ބުންޏެވެ.
ޖަރުމަނު މެޗުގެ 82 ވަނަ މިނެޓުގައި އަނިޔާވެގެން ބޭލި ޑިފެންޑަރު ވިލްފްރިއެޑް ސިންގޯގެ ހާލަތާ ގުޅޭގޮތުން ފޭ ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް އައިވަރީ ކޯސްޓުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މެޗަށްފަހު ހެދި ޓެސްޓުތަކުން އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ.
މިރޭ ނުކުންނަ ކިއުރަސޯ ޓީމާ ބެހޭގޮތުން ވާހަކަ ދައްކަމުން ފޭ ބުނީ، އެ ޓީމަކީ ނަފްސާނީ ގޮތުން ވަރުގަދަ ޓީމެއް ކަމަށެވެ. "ޖަރުމަނު އަތުން 7-1 އިން ބަލިވި ނަމަވެސް، އެކަމުން އަރައިގަނެ އެކުއަޑޯއާ އެއްވަރުކުރުމަކީ އެ ޓީމުގެ ވަރުގަދަކަން ހާމަވާ ކަމެއް،" އޭނާ ފާހަގަކުރިއެވެ.
ފޭ އިތުރަށް ބުނީ ކިއުރަސޯއަކީ ވަރަށް ވަރުގަދަ، އަދި ވަކިވަކި ކުޅުންތެރިންނަށް ބަލާއިރުވެސް ތަފާތު ދެއްކޭނެ ފޯވާޑުން ތިބި ޓީމެއް ކަމަށެވެ. އަދި އެ ޓީމުން ކުޅެނީ ވަރަށް ބޮޑަށް ގުޅިގެން ކަމަށާއި، އެކުއަޑޯއާ އެއްވަރުވުމުން އެ ޓީމަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮތުމާއެކު، މިރޭގެ މެޗު ވަރަށް އުނދަގޫވާނެ ކަމަށްވެސް އޭނާ ބުންޏެވެ.