ENGLISH
25 ޖޫން 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުން ދީފި، ކައުންސިލުން ޒިންމާއަދާނުކޮށް އިމާރާތް ހަވާލުކުރަން ދެކޮޅު ހަދަނީ
25 ޖޫން 2026
|
އުސްގެކޮޅަށް ބަޔަކު ގެއްލުން ދޭން ވަނީ މަސައްކަތް ކޮށްފައި - ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޖޭޓުން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އެކަން ސަމާލުކަމަށް އައުމާއެކު ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށެވެ.
އުސްގެކޮޅާއި އުސްގެކޮޅު ހިމެނޭ ސަރަޙައްދުގައި އެ މިނިސްޓްރީގެ ފަރާތުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ގުޅިގެން އުސްގެކޮޅު ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް ކައުންސިލުން މިހާތަނަށްވެސް އެތަން ޙަވާލުކޮށްފައެއް ނުވެ އެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) ޢިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ އެވެ. އަދި 74 އަހަރު ކުރިން އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވުނީވެސް މި އިމާރާތުގައެވެ. މި އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެދުވަސްވަރުގެ ޢިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކައިދޭ ތަނެކެވެ. އުސްގެކޮޅު ފަދަ ތާރީޚީ ތަންތަނަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުން ތަނަށް ލިބުން އެކަށީގެންވެ އެވެ.
އެހެންކަމުން، ޤާނޫނާއި ޤަވައިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންކަން މި ވުޒާރާގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.