ENGLISH
25 ޖޫން 2026
މޫދުވިނަ އެކްސްޕޯޓް ކުރުމަކީ ކުރިމަގު އޮތް، ފުރުސަތުތައް ފަހިވާނެ މަސައްކަތެއް: ވަޒީރު ޝިޔާމް
25 ޖޫން 2026
|
ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރާއްޖޭގައި ހައްދައި، ބޭރަށް އެކްސްޕޯޓްކުރެވޭ މިންވަރަށް ސީވީޑް އުފައްދާ އެކްސްޕޯޓް ކުރަން ފަށާފައިވާކަމަށް، މިއީ ކުރިމަގު އޮތް، ފުރުޞަތުތައް އޮތް މަސައްކަތެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މޫދުވިނަ އާލާކުރުމުގެ ޕައިލެޓް ޕްރޮޖެކްޓް ފަށާފައިވަނީ ބ. އަތޮޅު ފެހެންދޫގައެވެ. އެގޮތުން މޫދުވިނަ އާލާކުރުމުގެ ޕްރޮޖެކްޓަށް ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ކުންފުންޏަކާއެކު ވަރަށް ކާމިޔާބުކަމާއެކު އެ މަޝްރޫއު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ޝިޕްމަންޓްތަކެއް އެކްސްޕޯޓް ކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރު ކުންފުންޏަކާއެކު މޫދުވިނަ އާލާކުރުމުގެ މަޝްރޫއެއް ހުވަދު އަތޮޅު އުތުރުބުރި ކޮލަމާފުށީގައި ފަށާފައިވާ އިރު، އެ އަތޮޅުގެ އެހެން ރަށްތަކަށް އެ މަޝްރޫއު ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސީވިޑް އާލާކުރުމުގެ ދެ ޕްރޮޖެކްޓެއް ރާއްޖޭގައި ކުރިއަށްދާ އިރު، މި ޕްރޮޖެކްޓްތަކުން ރާއްޖޭގައި ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށާއި އަދި މީގެ އިތުރުން މި ޕްރޮޖެކްތަކަކީ، ރާއްޖެއަށް ބޭރު ފައިސާ ހޯދޭނެ ރަނގަޅު މަގެއްކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
"ސީވީޑްގެ ޕްރޮޖެކްޓް ފެހެންދޫގައި ކުރިއަށްގެންދާ ކުންފުނިން ފާހަގަކުރެއްވީ ވަރަށް ޕޮޓެންޝިއަލް އެބައޮތް ކަމަށް. ރާއްޖޭގައި ސީވީޑް ޕްރޮޖެކްޓް ކުރިއަށް ގެންދެވިދާނެ މީހުން ދިރިއުޅޭ ރަށްތަކުގައިވެސް. އަޅުގަނޑުމެންނަށް ރިކުއެސްޓް އެބައާދާ ބައެއް ކައުންސިލްތަކުންވެސް ސީވީޑް ޕްރޮޖެކްޓްތައް، އެ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިފަދަ ޕްރޮޖެކްޓެއްގެ ސަބަބުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވާ ކަމަށެވެ. އަދި ކަނބަލުންވެސް ވަޒީފާތަކުގައި ޝާމިލްވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި މަސައްކަތަކީ ރަނގަޅު އާމްދަނީއެއްވެސް ލިބޭ މަސައްކަތެއް ކަމަށެވެ.
މެރިކަލްޗާއަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއް ކަނޑައަޅުއްވާފައެވެ. އެއީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި، މ. އަތޮޅާއި، ތ. އަތޮޅުވެ. މީގެއިތުރުން މިކަމަށް ވަނީ، މަނިޔަފުއްޓާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ކަނޑައަޅާފައެވެ.
އޭޝިއާގެ ގައުމުތަކުގައި މޫދުވިނަ އާލާކުރުމަކީ ކުރިއަރަމުން އަންނަ ސިނާއަތެކެވެ. މިވަގުތުވެސް ދުނިޔޭގައި ހައްދާ މޫދުވިނައިގެ 98 އިންސައްތަ ހައްދަނީ އޭޝިއާގެ ގައުމުތައް ކަމުގައިވާ ޗައިނާ، އިންޑޮނޭޝިއާ، ދެކުނު ކޮރެއާ އަދި ފިލިޕީންސްގައެވެ.
އެގޮތުން 2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާރކެޓް ވެލިއު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު 2032 ވަނަ އަހަރަށް އަންނައިރު މި އަދަދު ދެ ގުނަ ވާނެކަމަށް މާހިރުން ލަފާކުރެއެވެ.