ENGLISH
25 ޖޫން 2026
ފުލުހުންގެ ތަފާސްހިސާބު؛ ނިމުނު ހަފްތާ 16000 ތަން ޗެކްކޮށް 40 މީހަކު ހައްޔަރުކުރި
25 ޖޫން 2026
|
އެންމެ މަޤްބޫލު
މިދިޔަ ހަފްތާ ދިވެހި ފުލުހުންގެ ޚިދުމަތުން 16000 ތަން ޗެކްކޮށް، 40 މީހަކު ހައްޔަރުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ޖޫން 14 އިން ޖޫން 20 ގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.
ތަފާސްހިސާބުތައް އާންމުކުރީ، މާލެ ފްރަންޓްލައިން ޕޮލިހާއި، ޓްރެފިކް ޕޮލިހާއި، ތިލަމާލެ ޕޮލިހާއި، ހުޅުމާލެ ފްރަންޓްލައިން ޕޮލިހުގެ އިތުރުން ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑް އަދި އިންޓާނަލް ސެކިއުރިޓި އެންޑް އޮޕަރޭޝަނަލް ސަޕޯޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ހިމެނޭގޮތަށެވެ.
ޗެކްކުރި ލޮކޭޝަންތަކުގެ ތެރެއިން 7093 ތަން ޗެކްކުރީ ހުޅުމާލެ ފްރަންޓްލައިން ޕޮލިސިން އިންނެވެ. މާލެ ފްރަންޓްލައިނުން 5981 ތަން ޗެކްކުރިއިރު ތިލަމާލެ ޕޮލިހުން ވަނީ 2408 ތަން ޗެކްކޮށްފައެވެ.
މި މުއްދަތުގައި އެންމެ ގިނަ ހާދިސާތައް ރިޕޯޓްވެފައިވަނީ މާލެ ފްރަންޓްލައިން ޕޮލިހަށެވެ. އެ ސްޓޭޝަނަށް 153 މައްސަލަ ރިޕޯޓްވިއިރު ހުޅުމާލެ ފްރަންޓްލައިން ޕޮލިހަށް 131 މައްސަލަ ހުށަހެޅުނެވެ.
އެކި މައްސަލަތަކުގައި ހައްޔަރުކުރި މީހުންނަށް ބަލާއިރު އެންމެ ގިނައީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުން ބެލި މައްސަލަތަކުގައި ހައްޔަރުކުރި މީހުންނެވެ. މިގޮތުން ސެންޓްރަލް އިންވެސްޓިގޭޝަނަށް ރިޕޯޓްވި 22 މައްސަލައެއްގައި 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ސެންޓްރަލް އިންވެސްޓިގޭޝަންގެ އިތުރުން ދެން އެންމެ ގިނައިން މީހުން ހައްޔަރުކުރީ ހުޅުމާލެ ފްރަންޓްލައިނުންނެވެ. ހުޅުމާލޭގެ މައްސަލަތަކުގައި 14 މީހަކު ހައްޔަރުކުރިއިރު މާލެ ފްރަންޓްލައިނުން ބެލި މައްސަލަތަކުގައި 10 މީހަކު ހައްޔަރުކުރިއެވެ.
ފުލުހުން ބުނީ މި މަސައްކަތްތަކަކީ، ކުށްތައް ހުއްޓުވުމަށާއި، އާންމުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށާއި، އަދި އެންމެންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ބިނާކުރުމަށްޓަކައި ކޮންމެ ދުވަހަކު ފުލުހުން ކުރަމުންދާ ބުރަ މަސައްކަތާއި ބަހައްޓާ އަހައްމިއްޔަތުކަން ކަމަށެވެ.