ENGLISH

25 ޖޫން 2026

Advertisement

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަނީ

25 ޖޫން 2026

|

ޢަލީ ޝަހީމް

މިދިޔަ އަހަރު ބޭއްވި އެމްއެސްއެމްއީ އެވޯޑް ހަފްލާގެ ތެރެއިން

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެންގެވުމާއެކު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އެސްއެމްއީ ޑިޖިޓަލްއިން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަހަރުގެ އެމްއެސްއެމްއީ ދުވަހަކީ، 27 ޖޫން 2026 އެވެ. ބީސީސީން މިއަދު ވަނީ މި ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު މީޑިއާއާ ހިއްސާކޮށްފައެވެ. 

މި ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރިއެރުވުމާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީސީސީން ވަނީ ބުނެފައެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްތަކުގައި ބީސީސީން ހިންގާ ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް "އެމް.އެސް.އެމް.އީ ބިޔޯންޑް" ގެ ނަމުގައި، ވިޔަފާރީގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ކުދި ވިޔަފާރިތަކަށް ޚާއްޞަ ސެޝަންތަކެއް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. މި ސެޝަންތަކުގައި، ވިޔަފާރިއެއް އަމަލީގޮތުން ކުރަން ބޭނުންވާ މަޢުލޫމާތާއި، ވިޔަފާރިއެއް ފަށާނެ ގޮތުގެ މަޢުލޫމާތުގެ އިތުރުން ކާމިޔާބު ވިޔަފާރިވެރިންގެ ތަޖުރިބާ ހިއްސާކުރުން ހިމެނޭކަމަށް ބީސީސީން ވަނީ ބުނެފައެވެ. 

އެސްއެމްއީ ޑިޖިޓަލްގެ ފަރާތުންވެސް ހާއްސަ ހަރަކާތްތަކެއް؛ 

މި ދުވަސް ފާހަގަ ކުރުމުގެގޮތުން އެސްއެމްއީ ޑިޖިޓަލް އިން ވެސް ވަނީ ޚާއްޞަ ޙަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން ހަވީރު 4:00އަށް ކ. ހުރާގައި، ވިޔަފާރިތަކަށާއި ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޚާއްޞަ ޙަރަކާތެއް ހިމެނެއެވެ.

ކ. ހުރާ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށްގެންދާ މި ޙަރަކާތުގައި، އެ ބޭންކުން ވިޔަފާރިތަކަށް ހުރި މާލީ އެހީގެ ފުރުޞަތުތަކާއި ވިޔަފާރިތައް ކުރިއެރުވުމަށާއި، ވިޔަފާރިވެރިންނަށް ބޭނުންވާ އެކި މަޢުލޫމާތުތައް ދިނުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުން، ބީސީސީން ވަނީ "އެމް.އެސް.އެމް.އީ ޕިޗް އަޕް" ގެ ނަމުގައި ހާއްސަ ޙަރަކާތެއް ވެސް ތައާރަފުކޮށްފައެވެ. މި ހަރަކާތުގެ ދަށުން ހޮވާލެވޭ އަށް ޓީމަކަށް ދާއިރާގެ ތަޖުރިބާކާރުންނާއި ބީސީސީގެ ޓީމުގެ ފަރާތުން މެންޓަރިންގ ފޯރުކޮށްދޭނެއެވެ. މީގެ ބޭނުމަކީ އެ ފަރާތްތަކުގެ ވިޔަފާރި ޚިޔާލުތައް ތަރައްޤީކޮށް، މާކެޓަށް ނެރެވޭނެ ފަދަ އުފެއްދުންތަކަކަށް ބަދަލުކުރުމަށް އެހީތެރިވުމެވެ. މީގެ ތެރޭގައި އުފެއްދުންތައް ތަރައްޤީކުރުމާއި، ބިޒްނަސް ޕްލޭން ހެދުމުގެ އިރުޝާދުތައް ވެސް ހިމެނެއެވެ.

މި ހަރަކާތްތަކުގެ ތެރެއިން ބާއްވާ "އެމް.އެސް.އެމް.އީ ފެސްޓް" އޮންނާނީ ޖޫން 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ 30 ސްޓޯލް ހުންނާނެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތް ވެސް މި ފެސްޓިވަލްގައި ލިބޭނެއެވެ. 

މި ދުވަހާ ގުޅިގެން "އެމް.އެސް.އެމް.އީ ޑޭ ލައިވް" ގެ ނަމުގައި މުޅި ދުވަހަށް ބަހާލައިގެން ޚާއްސަ ޓީވީ ޕްރޮގްރާމްތަކާއި މަޢުލޫމާތު ބްރޯޑްކާސްޓް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގައި ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި، ކާމިޔާބު ވިޔަފާރިވެރިންގެ ވާހަކަތަކުގެ އިތުރުން ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލާނެއެވެ.

އެމްއެސްއެމްއީ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެންގެވުމާއެކު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީސީސީން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު