ENGLISH
25 ޖޫން 2026
ފީފާއިން ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑްކޮށްފި
25 ޖޫން 2026
|
އެންމެ މަޤްބޫލު
އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) ސަސްޕެންޑް ކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާއިން ނިންމައިފިއެވެ.
ފީފާއިން ނެރެފައިވާ ބަޔާނެއްގައި ބުނީ ފީފާގެ ބިއުރޯ އޮފް ދަ ކައުންސިލުން އިއްޔެ ނިންމި ނިންމުމާ އެއްގޮތަށް، ފީފާގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަން ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.
މި ސަސްޕެންޝަނާ ގުޅިގެން، ފީފާ އަދި އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ބާއްވާ ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ނޭޕާލްގެ ޤައުމީ ޓީމުތަކަށާއި ކުލަބުތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. މީގެ އިތުރުން، ފީފާ އާއި އޭއެފްސީން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި، ތަމްރީނު ޕްރޮގްރާމުތަކާއި، ތަޢުލީމީ ކޯސްތަކުން ލިބޭ އެހީތެރިކަންވެސް އެ އެސޯސިއޭޝަނަށާއި، އެސޯސިއޭޝަނުގެ މެންބަރުންނާއި އޮފިޝަލުންނަށް ވަނީ މެދުކަނޑާލާފައެވެ.
އަންފާ ސަސްޕެންޝަނުގައި އޮންނަ މުއްދަތުގައި، އެ އެސޯސިއޭޝަނާ ނުވަތަ އެ އެސޯސިއޭޝަނުގެ ޓީމުތަކާއެކު ކުޅިވަރުގެ އެއްވެސް މުއާމަލާތެއް ނުބޭއްވުމަށް ފީފާގެ އެހެން މެންބަރުންނަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޭޕާލްގެ ސްޕޯޓްސް ކައުންސިލާއި އަންފާއާ ދެމެދު ގިނަ މައްސަލަތަކެއް ފެންމަތިވިއެވެ. އެގޮތުން އަންފާގެ އިންތިޚާބު ހުއްޓުވަން ނޭޕާލްގެ ޕަޓާން ހައި ކޯޓުން މީގެ ފަސް މަސް ކުރިން އެންގި އެންގުމާ އެއްގޮތަށް އަންފާގެ އިލެކްޓޯރަލް ކޮމިޓީން ނިންމިއެވެ. އަދި އޭގެ ފަހުން، މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ނޭޕާލް ސްޕޯޓްސް ކައުންސިލުން ވަނީ ތިން މަހަށް އަންފާ ސަސްޕެންޑް ކޮށްފައެވެ.
ސަސްޕެންޝަނުގެ އެ މުއްދަތުގެ ތެރޭގައި، ފީފާއިން ވަނީ ތިން ފަހަރެއްގެ މަތިން އެ ސަސްޕެންޝަން އުވާލައި، މިނިވަންކޮށް އަންފާގެ ކަންކަން ކުރިއަށްގެންދަން ފުރުސަތު ދޭން އަންގާފައެެވެ. އެކަމަކު އެ ސަސްޕެންޝަނުގެ މުއްދަތު ހަމަވިއިރުވެސް ފީފާގެ އެންގުންތަކަށް އެ ޤައުމުގެ ސްޕޯޓްސް ކައުންސިލުން ބޯލަނބާފައެއް ނުވެއެވެ.
އެއާއެކު ފީފާއިން އަންފާ ސަސްޕެންޑް ކުރިއިރު، އެ އިދާރާއިން ހާމަކުރި ގޮތުގައި، ސަސްޕެންޑް ކުރަން މެދުވެރިވި ސަބަބުތައް ހައްލުކޮށްފިނަމަ، ދެން އޮންނަ ފީފާ ކޮންގްރެސްގެ ކުރިންވެސް މި ފިޔަވަޅު އުވާލުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ބިއުރޯ އޮފް ދަ ކައުންސިލުން ނުވަތަ ފީފާ ކައުންސިލުން ކޮންމެ ވަގުތަކުވެސް މި ސަސްޕެންޝަން އުވާލައިފާނެ ކަމަށާއި، އެފަދަ ނިންމުމެއް ނިންމައިފި ނަމަ އެކަން އަންގާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.