ENGLISH

14 ޖޫން 2026

Advertisement

ކިއުރަސޯއަކީ އާދައިގެ ޓީމެއް ކަމަށް ބަލައި، ދަށްކޮށެއް ނުލާނަން: ނާގަލްސްމަން

14 ޖޫން 2026

|

މުޙައްމަދު އަދުހަމް

ޖަރުމަނުގެެ ކޯޗު ނާގަލްސްމަން -- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި ކިއުރަސޯއާ ދެކޮޅަށް ނުކުންނައިރު، ފިޒިކަލީ އަދި ޓެކްނިކަލީ އެ ޓީމަށް ލިބިފައިވާ ގާބިލުކަމާމެދު ފަރުވާކުޑަ ނުކުރާނެ ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.

މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނާގަލްސްމަން ބުނީ މި މުބާރާތުގައި ޖަރުމަނަށް ލިބޭ ކާމިޔާބީގައި އުމުރުން 40 އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށެވެ.

މުބާރާތުގެ ގްރޫޕް އީގައި ކުޅޭ ފުރަތަމަ މެޗުގައި ކިއުރަސޯއާ ދެކޮޅަށް ޖަރުމަނުގެ ޑިފެންޑަރު، ނަތަނިއަލް ބްރައުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ފެނިގެންދާނެ ކަމަށްވެސް ނާގަލްސްމަން ހާމަކުރިއެވެ. 

ހަތަރު ފަހަރު ދުނިޔޭގެ ތަށި އުފުލާލާފައިވާ ޖަރުމަނަށް މި ފަހަރުގެ މުބާރާތުގައި ކުރިއަށްދިޔުމަށް ނޯޔާގެ ފޯމު ވަރަށް މުހިންމު ކަމަށާއި، މިހާރު އޭނާ ހުރީ އެންމެ ރަނގަޅު ކުޅުން ދެއްކޭނެ ފަދަ ހާލަތެއްގައި ކަމަށްވެސް ނާގަލްސްމަން ބުންޏެވެ.

ޖަރުމަނުގެ ކީޕަރު ނޯޔާ ފަރިތަކުރުންތަކުގައި ބައިވެރިވަނީ --ފޮޓޯ: ރޮއިޓަރސް

"އަހަރެމެން އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރަން. ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި މެނުއަލްގެ އެންމެ މޮޅު ކުޅުން އަހަރެމެންނަށް ބޭނުންވޭ. އޭނާއަށް އެކަން ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. ކުރިން އޭނާގެ ކުޅުމުގެ ރިދަމް ކުޑަކޮށް ގެއްލިފައި އޮތް ނަމަވެސް، މިހާރު އޭނާ ވަނީ އަލުން އެ ފޯމަށް ރުޖޫއަވެފައި،" ނާގަލްސްމަން ބުންޏެވެ.

މިދިޔަ ދެ ވޯލްޑް ކަޕުގެ ފުރަތަމަ ބުރުން ކަޓައިގެންދިޔުމުގެ ސަބަބުން ޖަރުމަނުގެ ފުޓްބޯޅައާ މެދު މީހުން ދެކޭގޮތް ވަނީ ބަދަލުވެފައެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތަށް އެ ޓީމުން ކުރިމަތިލަނީ ގެއްލިފައިވާ އިތުބާރު އަލުން ހޯދުމުގެ އުންމީދުގައެވެ.

މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ފޭވަރިޓުންގެ ތެރޭގައި ޖަރުމަން ނުހިމެނޭތީ އެކަމާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުން ނާގަލްސްމަން ބުނީ އެ ސުވާލުގެ ޖަވާބު ލިބޭނީ މުބާރާތް ނިމުމުން ކަމަށެވެ.

"ވޭތުވެދިޔަ ދެ ވޯލްޑް ކަޕަށް ބަލާއިރު އަހަރެމެންގެ ކުޅުން ފެނިގެންދިޔައީ އެންމެ ރަނގަޅަކަށް ނޫން. އެހެންކަމުން މި ފަހަރު ފޭވަރިޓެއްގެ ގޮތުގައި އަހަރެމެންގެ ނަން ނުގަނެވުމަކީ އެކަށީގެންވާ ކަމެއް. އަހަރެމެންގެ މަސައްކަތަކީ މި ފަހަރުގެ މުބާރާތުގައި ފުރިހަމަ ކުޅުމެއް ދައްކައި، ޖެހިގެން އަންނަ ވޯލްޑް ކަޕަކަށް ނުކުންނައިރު އެންމެ ފޭވަރިޓް ޓީމަށް ވުން." ނާގަލްސްމަން ބުންޏެވެ.

މުބާރާތުގެ ކުރީން އެމެރިކާއާ ދެކޮޅަށް ޖަރުމަން ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން --ފޮޓޯ: އޭޕީ

މި ގްރޫޕުގައި ޖަރުމަން ދެން ކުޅެން ޖެހެނީ އައިވަރީ ކޯސްޓާއި އެކުއަޑޯއާއެވެ. ނަމަވެސް ނާގަލްސްމަން ބުނީ މިވަގުތު މުޅި ޓީމުގެ ސަމާލުކަން ހުރީ ހަމައެކަނި ކިއުރަސޯއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ. އެ ޓީމުގައި ހިމެނޭ ނެދަލެންޑްސްއާ ގުޅުންހުރި ކުޅުންތެރިންނަކީ މުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާއެއް ނެރުމުގެ ގާބިލުކަން ހުރި ބައެއްކަންވެސް އޭނާ ފާހަގަކުރިއެވެ.

މީގެއިތުރުން މި މެޗު ޚާއްސަވާ ސަބަބުތަކުގެ ތެރޭގައި، މުބާރާތުގެ އެންމެ ހަގު ހެޑް ކޯޗު ކަމަށްވާ، އުމުރުން 38 އަހަރުގެ ނާގަލްސްމަން އާއި، އެންމެ ދޮށީ ކޯޗު ކަމަށްވާ 78 އަހަރުގެ ޑިކް އެޑްވޮކާޓް ބައްދަލުކުރާ މެޗަށްވުން ފާހަގަކޮށްލެވެއެވެ. ނަމަވެސް ނާގަލްސްމަން ވަނީ ސަމާސާ ގޮތަކަށް، އެހާ ދިގު މުއްދަތަކަށް ކޯޗުކަންކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ.

"އަހަރެން މިކުރާ މަސައްކަތް ދެކެ ލޯބިވޭ، އެކަމަކު އެ އުމުރަށް ދާއިރު އެހެން ކަންތައްތަކެއްގައި އުޅެވޭނެ ކަމަށް އުއްމީދުކުރަން،" އޭނާ ބުންޏެވެ.

ނިންމާލަމުން ނާގަލްސްމަން ބުނީ، އެޑްވޮކާޓަކީ ވަރަށް މޮޅު ކޯޗެއް ކަމަށާއި، ކިއުރަސޯގައި ކުރަމުންދާ މަސައްކަތަކީ ފާހަގަކޮށްލެވޭ ފަދަ ރަނގަޅު މަސައްކަތެއް ކަމަށެވެ. އޭނާގެ މަސައްކަތްތައް ބަލައިގަނެ، ތައުރީފު ހައްގު ކަމަށް ނާގަލްސްމަން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު