ENGLISH

14 ޖޫން 2026

Advertisement

އެމެރިކާއަށް އެތެރެވުން މަނާކުރި ސޯމާލިއާގެ ރެފުރީއަށް މުބާރާތުގެ މުސާރަ ދެނީ

14 ޖޫން 2026

|

ސުވެއިދާ ހުސެއިން

ސޯމާލިއާގެ ރެފުރީ އޮމާރް އަރްޓާން އަނބުރާ ގައުމަށް ދިޔުމުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި ---

ފީފާ ވޯލްޑް ކަޕުގައި ރެފުރީކަން ކުރުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސޯމާލިއާގެ ރެފުރީ އޮމާރް އަރްޓާންއަށް، މުބާރާތުގެ މުސާރަ ދިނުމަށް ފީފާއިން ނިންމައިފިއެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓާއި ސިންގަލް އެންޓްރީ ވިސާ އޮތް ނަމަވެސް، މަޔާމީ އިންޓަރނޭޝަނަލް އެއާޕޯޓުން އަރްޓާން ހިފަހައްޓައި 11 ގަޑިއިރުވަންދެން އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ވަނީ އޭނާއާ ސުވާލުކޮށްފައެވެ. އެމެރިކާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި އަރްޓާން އެ ގައުމަށް އެތެރެވިޔަނުދިނީ، ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބަޔަކާ އޭނާއާ ގުޅުން އޮންނަ ކަމަށް ބެލެވޭތީއެވެ.

އެހެންނަމަވެސް ސޯމާލިއާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް-ޝަބާބާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން އަރްޓާން ބުނީ، އެއީ އޭނާއާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން ކަމަށެވެ.

"އަހަރެންގެ އަތުގައި ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ވިސާވެސް އޮތް. އަހަރެން މިއީ ހަމައެކަނި ރެފުރީއެއް. އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެން ކަމަށްވާ ވޯލްޑް ކަޕުގައި އިންސާފުކުރުމުގެ ފުރުސަތު ހޯދުމަށް މަސައްކަތްކުރާ މީހެއް،" އޭނާ ބުންޏެވެ.

އެމެރިކާއިން އަނބުރާ ތުރުކީއަށް ފޮނުވާލުމުން، ފީފާގެ އޮފިޝަލުން ވަނީ އިސްތަންބޫލްގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ފަހުން އޭނާ ވަނީ ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއަށް ގޮސްފައެވެ.

ރިޕޯޓުތައް ބުނާގޮތުން މި މުބާރާތުގައި އަރްޓާންއަށް ބައިވެރިނުވެވުނު ކަމުގައިވިޔަސް، އޭނާއަށް ލިބެންޖެހޭ މުސާރަ ދިނުމަށް ފީފާއިން ވަނީ އެއްބަސްވެފައެވެ.

2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ފިރިހެން ރެފުރީގެ މަގާމު ހޯދި އަރްޓާންއަށް، މިހާރު ވަނީ އޮގަސްޓް 12 ގައި އޮސްޓްރިއާގެ ސާލްޒްބާގްގައި ކުޅޭ ޔުއެފާ ސުޕަ ކަޕުގެ މެޗުގައި އިންސާފުކުރުމުގެ ދައުވަތުވެސް ލިބިފައެވެ.

އުމުރުން 34 އަހަރުގެ އަރްޓާންއަކީ އެފްރިކާގެ ކޮންޓިނެންޓަލް ފައިނަލެއްގައި އިންސާފުކުރި ފުރަތަމަ ސޯމާލިއާ ރެފުރީއެވެ. އޭނާ ވަނީ ޗިލީގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް ކަޕާއި.، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ މެޗުތަކުގައިވެސް އިންސާފުކޮށްފައެވެ. އެމެރިކާއަށް އެެތެރެވުމުގެ ހުއްދަ ނުލިބުމުން ގައުމަށް އެނބުރި ދިއުމަށްފަހު އޭނާ ބުނީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންސާފުކުރުމަކީ އޭނާގެ އުއްމީދު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު