ENGLISH

14 ޖޫން 2026

Advertisement

ރާއްޖެއިން ޖައްވަށް ބޭރުކުރާ ގޭހުގެ 95 އިންސައްތައަކީ ހަކަތައިގެ ދާއިރާއިން ބޭރުވާ ގޭސް

14 ޖޫން 2026

|

އައިމިނަތު ޝަފާ

ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 95 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ ހަކަތައިގެ ދާއިރާއިންކަމަށް ދައްކައިފިއެވެ. 

ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާ ގުޅޭގޮތުން އެކުލަވާލި ބައިއެނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ރަށްތައް ވަކިވަކިން އުފެދިފައި އޮތުމުގެ ސަބަބުން ހަކަތަ ފޯރުކޮށްދިނުމުގައި ޖިއޮގްރަފީ ގޮތުން ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ރާއްޖެއިން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން، މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 110 މެގަވޮޓް ޕީކް ގެ ސޯލާ ޕީވީ ނިޒާމުތައް ގާއިމުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ވަނީ އަމާޒު ހިފާފައެވެ. މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ނަމަވެސް، މި އަމާޒަށް ވާސިލުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން މުހިންމުކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، މާލީ އެހީތެރިކަމާއި، އާ އީޖާދީ ޓެކްނޮލޮޖީ ބަދަލުކުރުމުގެ އިތުރުން، ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ދެމެހެއްޓެނިވި އެއްބާރުލުން ބޭނުންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި ރިޕޯޓަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ތިމާވެށީގެ ކަންކަމުގައި އަދާކުރާ ދައުރު ހާމަކޮށްދޭ އަދި ކުރިއަށް ހުރި މަސައްކަތްތައް ބައްޓަންކުރުމަށް ލިބޭ މައުލޫމާތުތަކެވެ.

ކިޔުންތެރިންގެ ހިޔާލު