ENGLISH

15 ޖޫން 2026

Advertisement

މި ސަރުކާރާއި ކުރީ ސަރުކާރުތަކުގެ ދަރަނީގެ ހިސާބުތަކުން ރައީސް ވިދާޅުވެދެއްވީ ގައުމު ވައްޓާލާފައި އޮތް އަނދަވަޅުގެ ފުންކަން

14 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މީދޫ ޖަލްސާގައި ވާހަކަދައްކަވަނީ، ފޮޓޯ: ޕީއެންސީ

ފާއިތުވި އަހަރުތަކުގައި ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ދަރަންޏާއި އެ ދަރަނި އަދާކުރުމަށް ސަރުކާރުން ކުރި ހަރަދުތަކާއި މުސްތަގުބަލުގައި ދައްކަން ހުރި ދަރަނީގެ ހިސާބުތައް ހާމަކުރައްވައި، މި ސަރުކާރު ވެރިކަމަށް އައިއިރު ގައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުގެ ފުންކަން ވަރަށް ތަފުސީލުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެދެއްވައިފިއެވެ. 

ދ.މީދޫގެ ކައުންސިލުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ކުރިއަށްގެންދިޔަ އިތުރުބުރުގެ ވޯޓުން ޕީއެންސީއަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސްވަނީ މި ސަރުކާރުން ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދުކުރި ފައިސާގެ އަދަދުތަކާއި ކުރީ ސަރުކާރުތަކުގައި ދަރަނި އަދާކުރުމަށް ހޭދަކުރި އަދަދުތައް ވިދާޅުވެދެއްވާފައެވެ. 

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 1.2 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކުރިއެވެ. 2018 ވަނަ އަހަރު ގާއިމުކުރެވުނު އެމްޑީޕީގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ ދަރަނި ދެއްކުމަށް ހަރަދުކުރީ 428.68 މިލިއަން ޑޮލަރެވެ. އަދި ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރައި ބައިގެ ތެރޭ ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދުކުރީ 191.25 މިލިއަން ޑޮލަރެވެ. 

އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ތެރޭ ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދުކޮށްފައިވަނީ 953.93 މިލިއަން ޑޮލަރެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި 2013 އިން 2018 އަށް ބޭރުގެ ދަރަނި އަދާކުރުމަށް ހަރަދުވީ 418.17 މިލިއަން ޑޮލަރެވެ. 

"މިދިޔަ ދެ ސަރުކާރުގެ ފަސް އަހަރުގައި ދެއްކި އަދަދުވެސް އަޅުގަނޑުމެންނަށްވުރެ މަދުކަން ޗާޓުން ފެނޭ.،" ރައީސް ވިދާޅުވިއެވެ. 

ރައީސްވަނީ މި ސަރުކާރުން އަދާކުރި 1.29 ބިލިއަން ޑޮލަރުގެ ދަރަންޏަކީ ކޮން ސަރުކާރަކުން އުފަންކުރި ދަރަނިކަން ހާމަކުރައްވާފައެވެ. އެ ފައިސާގެ ތެރެއިން 2023 ވަނަ އަހަރުން ފެށިގެން 2026 ގެ ނިޔަލަށް އަލަށް އުފަންވި ދަރަންޏަކީ 4.9 މިލިއަން ޑޮލަރެވެ. 

މި ސަރުކާރުން ދައްކައި ހަލާސްކުރި ދަރަނީގެ ތެރެއިން އެންމެ ބޮޑު އިންސައްތައަކީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އެއިރު އޮތް އެމްޑީޕީ ސަރުކާރުގައި އުފެއްދި ދަރަންޏެވެ. އެއީ 891.2 މިލިއަން ޑޮލަރެވެ. 2013 އާއި 2018 އާ ދެމެދުގެ ސަރުކާރުން އުފެއްދި 195.7 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދައްކައި ހަލާސްކުރިއެވެ. 

އަދި 2008 އިން 2013 އާ ދެމެދުގައި އެއިރުގެ ދެ ސަރުކާރުން އުފެއްދި ދަރަނީގެ ތެރެއިން 62.5 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި ހަލާސްކުރިއިރު، 2008 ގެ ކުރިން އެއިރުގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 38.1 މިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި ހަލާސްކުރިއެވެ. 

"އެހެންވީމާ މީގެ ކުރީގެ ސަރުކާރުތަކުން ކުރީގެ ހުރިހާ ރައީސުން ނަގާފައި ހުރި ދަރަނިތައް އަޅުގަނޑުމެން ދައްކާފައި މިހުރީ.،" ރައީސް ވިދާޅުވިއެވެ. 

މި ސަރުކާރުން ދެއްކި ދަރަނީގެ އިތުރަށް އެކި ސަރުކާރުތަކުން އުފައްދާފައިވާ ދަރަނީގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ދައްކަން ހުރި ދަރަނީގެ ތަފުސީލުތައްވެސް ރައީސް ހާމަކުރެއްވިއެވެ. މި ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ކުރިއަށް އޮތް އަހަރުތަކުގައި ދައްކަންޖެހޭ ދަރަނީގެ ގޮތުގައި އޮތީ 219.7 މިލިއަން ޑޮލަރެވެ. 

ނަމަވެސް 2018 އިން 2023 އަށް އެމްޑީޕީގެ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ 1.14 ބިލިއަން ޑޮލަރުގެ ދަރަނި އޮތްއިރު 2013އާއި 2018 އާ ދެމެދުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 710.4 މިލިއަން ޑޮލަރު ދައްކަން އޮތްއިރު، 2008 އިން 2013އާ ދެމެދުގައި ނަގާފައި އޮތް ދަރަނީގެ ތެރެއިން 150.4 މިލިއަން ޑޮލަރު ދައްކަންް އެބައޮތެވެ. އަދި 2008ގެ ކުރިން ނަގާފައިވާ ދަރަނީގެ ތެރެއިން 106.3 މިލިއަން ޑޮލަރު ކުރިއަށް އޮތް މުއްދަތުގައި ދައްކަންޖެހިފައި އެބައޮތެވެ. 

"މިއީ ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި މިދިޔަ ހުރިހާ ރައީސުން ނަންގަވާފައި ހުރި ދަރަނިތައް. އަޅުގަނޑުމެން އިހައްދުވަހު 1.29 ބިލިއަން ޑޮލަރު ދެއްކީމައި އަދިވެސް ދައްކަން ހުރި ވަރު. އެހެންވީމާ މިއީ ކަންކަން ހުރި ހިސާބު. އަނދަވަޅުގެ ފުންމިން. މި އަނދަވަޅުން ނަގަން އަޅުގަނޑުމެން މަސައްކަތް މިކުރަނީ، ގައުމު އިސްކޮށްގެން.،" ރައީސް ވިދާޅުވިއެވެ. 

ރައީސް އިތުރަށް ފާހަގަކުރެއްވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަގުން 123.6 އިންސައްތާގައި ހުރި ދަރަނި މި ސަރުކާރުން މިހާރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 121.2 ނިސްބަތަށް ތިރިކޮށްފައިވާ ކަމެވެ. 

ކިޔުންތެރިންގެ ހިޔާލު