ENGLISH
14 ޖޫން 2026
ޕީއެންސީއަކީ މިއަދު ރައްޔިތުންގެ ތާއީދު އެންމެ ބޮޑު ޕާޓީ، މިއީ ނުގުނޑާނެ ފިކުރެއް: ރައީސް
14 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދ.މީދޫގައި ވާހަކަދައްކަވަނީ، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަކީ އެންމެ ކުރު މުއްދަތެއްގައި ރައްޔިތުންގެ އެންމެ ބޮޑު ތާއީދާއި އިތުބާރު ހާސިލުކުރި ޕާޓީކަން ފާހަގަކުރައްވަމުން އެ ޕާޓީގެ ފިކުރަކީ ނުގުނޑާނެ ވަރުގަދަަ ފިކުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ.މީދޫގެ ކައުންސިލުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ކުރިއަށްގެންދިޔަ އިތުރުބުރުގެ ވޯޓުން ޕީއެންސީއަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސްވަނީ އެ އިންތިހާބު ކާމިޔާބުކުރުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީއަށް ލިބުނު ރަނގަޅު ނަތީޖާ ހޯދައިދިނުމަށް މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ޕީއެންސީއަކީ އެ ޕާޓީ އުފެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި ގިނަ ރައްޔިތުންގެ ތާއީދާއި އިތުބާރު ލިބިފައިވާ ޕާޓީއެއް ކަމަށެވެ. އެގޮތުން އެ ޕާޓީ ވުޖޫދުވުމަށްފަހު ބޭއްވި ގިނަ އިންތިހާބުތައް ކާމިޔާބުކުރީ ޕީއެންސީންކަން ފާހަގަކުރައްވަމުން، އެ އިންތިހާބުތަކުގައި ޕީއެންސީއަށް އިތުބާރުކޮށް ވޯޓުލީ ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ޕީއެންސީގެ ފިކުރަކީ އިސްލާމްދީން ހިމާޔަތްކުރުމާއެކު، ދިވެހިރާއްޖޭގައި އަމާންކަމާއި ސުލްހަވެރިކަން ނަގަހައްޓައި ރާއްޖެއަށް ބޭނުންވާ ކުރިއެރުމާއި ތަރައްގީ ހޯދައިދިނުމުުގެ މަސައްކަތުގައި ސާބިތުވެ އޮންނަ ފިކުރެވެ. އެއީ ދެގޮތެއްނުވާ ގުނޑުމެއް ނާންނަ ފިކުރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
"ކުރިއަށްމިދަނީ އަދި ކުރިއަށް އޮތް ތަނުގައި ދާނީވެސް މި ފިކުރުގެ މަތީގައި. މާތްވެގެންވާ އިސްލާމްދީންް މަތިވެރިކޮށް އެ ދީނަށް ނަސްރުދިނުމުގެ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމާއެކު، މިގައުމުގައި ހަމަޖެހުން ގާއިމުކޮށް، ތަރައްގީ ހާސިލުކޮށްދީ، ހުރިހާ ސިފައެއްގައި ހުރިހާ މާނައެއްގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވި މުއްދަތުގައި ސަރުކާރުން ކުރި މަސައްކަަތަކީ، އަދި ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް ފެނުނުކަމަކީވެސް އެ ސިޔާސަތުތައް ތަންފީޒުކުރުމެވެ. ހަމަޖެހުމާއި ތަރައްގީއާއި ރައްކާތެރިކަން ހާސިލުކޮށްދިނުމުގެ އަމާޒަށް ދަތުރުކުރުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބުތަކެއް ހާސިލުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ގައުމާމެދު ވިސްނުމުގެ ގޮތުން މާޒީގައި ކަންކަންް ހިނގާފައި ހުރި ގޮތް ހަނދާންކުރަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނިމުނު ސަރުކާރުގައި ފެނުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް، ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި، ދޫކޮށްލި މަންޒަރު ކަމަށެވެ. އަދި މި ސަރުކާރުގެ ބިނާކުރުމުގެ ސިޔާސަތުގެ ދަށުން އެ ސަރަހައްދު ދޫކޮށްލި ސިޓީ އަނބުރާ ގެނެސް، އެއިރު ވިއްކައިލި ނުވަތަ ދޫކޮށްލި ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން މި ގައުމުގެ ސަރަަހައްދެެއްކަމަށް ކަނޑައަަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް އިންޓަނޭޝަނަލް މިންގަނޑުތައް ހުންނަ ގޮތުން އަޅުގަނޑުމެން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭ. އެ މަސައްކަތް އެބަހިނގާ. ރަސްމީކޮށް އެބައި ސަރުކާރުން މިދަނީ ރަސްމީކޮށް ހިމެނުމަށް ކުރަންޖެހޭ މަސައްކަތްކުރަމުން. ހަރަދު ބޮޑު މަސައްކަތެއް، ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން އެ ސަރަހައްދު ދޫކޮށްލީ ގާނޫނީ ވަކީލުންނަށް އެތައް ފައިސާއެއް ދީގެން ގިނަ ހަރަދުތަކެއް ކޮށްގެންނެވެ.
އިތުރަށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތަކީ ދިވެހިން އިސްކުރުމުގެ ސިޔާސަތެއްކަމަށާއި ނަމަވެސް ކުރިން ކަން އޮތީ އެހެންނޫން ކަމަށެވެ. އެއިރު ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތީ ވަކި ގައުމަކުން ބޭނުންވުމުން ހުރިހާ ކަމެއް ކުރެވޭ ގޮތަށްކަމަށާއި، އެގޮތުން ވަކި ގައުމަކުން ބޭނުންވީމަ އެކުވެރި ގައުމުތަކާ އޮންނަ ގުޅުން ކަނޑައިލާ، ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ރާއްޖެ ވަކިވަމުންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން އިސްކުރަނީ ދިވެހިންނަށް ކޮބައިތޯ އެންމެ ފައިދާހުރި ގޮތަކީ، މިގައުމަށް އެންމެ ފައިދާވާނެ ގޮތަކީ ކޮބައިތޯ ބަލައި އެގޮތުގައި ކުރިއަށްދާ ސިޔާސަތު. އެހެންވީމާ އަޅުގަނޑުމެންނަކާ ރުޅި ގައުމެއް ނޯންނާނެ. މިދެންނެވި ސިޔާސަތުގެ ދަށުން، ދިވެހި ރައްޔިތުންގެ ތަރައްގީއަށް އެހީތެރިވާނަމަ އެ ގައުމަކާ ގާތް ގުޅުން އޮންނާނެ،" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގައި ހާރިޖީ ގުޅުން ނޯންނާނީ އިސްރާއީލާއެކުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެދެއްވީ ކުރީގެ ވެރިކަމެއްގައި އިސްރާއީލާ ގުޅުން ގާއިމުކުރަން މަސައްކަތްކޮށް، އެގައުމުން ލޮލުގެ ޑޮކްޓަރުން ގެނެސް، އިސްރާއީލާއި ރާއްޖެއާ ދެމެދުގައި ވައިގެ ދަތުރުފަތުރު ފަށަންް ވިސްނި ގޮތެވެ. އަދި އެ ސަރުކާރުގެ ވިސްނުމާ އަޅައިކިޔުއްވަމުން ރައީސް ވިދާޅުވީ މި ސަރުކާރަކީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެ ކަމަށް ކަނޑައެޅި ސަރުކާރު ކަމަށެވެ.
މި ސަރުކާރުގެ މަދަކީ އިސްލާމްދީނަށް ނަސްރު ދިނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުޑަކުދިންނާ ހަމައިން ފެށިގެން ދޮށީ އުމުރުގެ މީހުންނާ އެންމެނާ ގުޅިގެން ތަންފީޒުކުރާ ކޮންމެ ސިޔާސަތެއްގެ އަސާސަކީވެސް އިސްލަމްދީންކަމަށް ރައީސް ވިދާޅުވިއެވެ.