ENGLISH
13 ޖޫން 2026
އެންމެ ބޮޑު އިސްކަމެއް ދެނީ އޭދަފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން: މެމްބަރު ސަލީމް
13 ޖޫން 2026
|
މަޖިލީހުގެ ނާއިބު ރައީސްގެ މަގާމަށް ސަލީމް، އިންތިހާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އިއްޔެ ވަނީ އޭދަފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ.
އެންމެ މަޤްބޫލު
ސަރުކާރާ ގުޅިގެން އެންމެ ބޮޑު އިސްކަމެއް ދެނީ އޭދަފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަންކަމަށް މަޖިލީހުގެ ނާއިބު ރައީސް އަދި މަޖިލީހުގައި އޭދަފުށި ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނާއިބު ރައީސްގެ މަގާމަށް ސަލީމް، އިންތިހާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އިއްޔެ ވަނީ އޭދަފުއްޓަށް ވަޑައިގެންފަ އެވެ.
އެއަށްފަހު ރޭ ސަލީމްގެ ޝަރަފުގައި އެރަށުގައި ބޭއްވި ހާއްސަ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ސަރުކާރުން އޭދަފުށީގައި ހިންގަމުން ގެންދާ ތަރައްގީގެ މަޝްރޫއުތައް ދައުރު ނިމުމުގެ ކުރިން ނިމޭނެކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.
އޭދަފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވަނީ މިހާރު އެ ރަށުގައި އަޅަމުންދާ ހައުސިން ޔުނިޓުތަކުގެ އިތުރަށް އިތުރު 300 ހައުސިން ޔުނިޓް އެޅުމުގެ މަސަައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން، ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ކުރިން ނިންމި ނަމަވެސް އެކަން ފެށޭގޮތް ނުވީ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރި ޗައިނާ ކުންފުންޏަށް ލޯނު ހަމަނުޖެހިގެންކަމަށް ސަލީމް ވިދާޅުވިއެވެ.
"ދެން ސަރުކާރުން ނިންމީ ދެ ބުރަކަށް ނޫނީ ތިން ބުރަކަށް ބަހާލައިގެން ފަހަރަކު 300 ހައުސިން ޔުނިޓް އަޅާގޮތަށް މި މަސައްކަތް ކުރިއަށްގެންދަން، އަޅުގަނޑުވެސް އެންމެ ސަމާލުކަންދޭ މަޝްރޫއަކީ އެ މަޝްރޫއު. އެންމެންނަކީ ހައުސިން ޔުނިޓް ގަނެވޭނެ ބައެއް ނޫން. ކުރިން ވިއްކާ ހިޔާލެއް ވެސް އައި. އެކަމަކު އަޅުގަނޑު ހިތްހަމައެއް ނުޖެހުނު، އެހެންވީމަ މިހާރު ކުއްޔަށް ދޫކުރާ ގޮތަށް އެ ހަދަނީ. އެކަމަކު ތިބޭފުޅުންގެ ހިޔާލު އަޅުގަނޑު ބޭނުން މިކަމުގައި، ދެ އޮޕްޝަން އެބައޮތް، ގަންނަންވެސް ލިބޭނެ، ކުއްޔަށް ލިބޭނެ، ތިބޭފުޅުން ނިންމާ،". ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެންމެ އުނދަގޫވާނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަންކަމަށެވެ. އެހެންނަމަވެސް އޭދަފުށީގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްއޫތައް މި ދައުރުގެ ތެރޭގައި ނިންމުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
މި މަހުގެ ފުރަތަމަ ދުވަހު އޮތް ޖަލްސާގައި ރައްޔިތުންްގެ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމަށް ސަލީމް އިންތިހާބުކުރީ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ. ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެންމެ ހިދުމަތްތެރި ބޭފުޅުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.