ENGLISH
13 ޖޫން 2026
އަނިޔާގެ ސަބަބުން ރެފުރީ އޮލިވާއަށް ވޯލްޑް ކަޕުގެ މެޗެއް ގެއްލިއްޖެ
13 ޖޫން 2026
|
އިނގިރޭސި ރެފުރީ މައިކަލް އޮލިވާ ---
އެންމެ މަޤްބޫލު
ލިބުނު އަނިޔާއަކާ ގުޅިގެން، ފީފާ ވޯލްޑް ކަޕް 2026 ގައި އިންސާފުކުރަން ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި އިނގިރޭސި ރެފުރީ މައިކަލް އޮލިވާއަށް ބައިވެރިނުވެވޭނެކަން ކަށަވަރުވެއްޖެއެވެ.
އުމުރުން 41 އަހަރުގެ އޮލިވާ އިންސާފުކުރަން ކުރިން ހަމަޖެހިފައިވަނީ ގްރޫޕް އީގައި އައިވަރީ ކޯސްޓާއި އެކުއެޑޯ ބައްދަލުކުރާ މެޗެވެ. ނަމަވެސް މިހާރު އޭނާގެ ބަދަލުގައި އެ މެޗުގެ ރެފުރީއަކަށް ހަމަޖައްސާފައިވަނީ ފްރާންސްގެ ފްރާންސުއާ ލެޓެކްސިއާއެވެ.
ފީފާއިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި މެޗުތަކަށް އޮލިވާ އެނބުރި އަންނާނެ ކަމަށް ބެލެވެއެވެ.
އޮލިވާ އަކީ މި ފަހަރުގެ ވޯލްޑް ކަޕަށް ހޮވާފައިވާ 52 ރެފުރީންގެ ތެރޭގައި ހިމެނޭ އިނގިރޭސި ހަ އޮފިޝަލުންގެ ތެރެއިން އެކެކެވެ. މީގެ ތެރޭގައި މަޝްހޫރު ރެފުރީ އެންތަނީ ޓޭލާވެސް ހިމެނެއެވެ. މީގެ އިތުރުން އެސިސްޓަންޓް ރެފުރީންގެ ގޮތުގައި އިނގިރޭސިވިލާތުގެ ގޭރީ ބެސްވިކް، އެޑަމް ނަން، ސްޓޫއާޓް ބާޓް އަދި ޖޭމްސް މެއިންވޭރިންގްވެސް ވަނީ ހޮވާފައެވެ.
2010 ވަނަ އަހަރުން ފެށިގެން އިނގިރޭސި ޕްރިމިއަރ ލީގުގައި ރެފުރީކަން ކުރަމުން އަންނަ އޮލިވާ، ޔުއެފާގެ އެލީޓް ރެފުރީންގެ ލިސްޓަށް ޕްރޮމޯޓުވީ 2018 ވަނަ އަހަރެވެ. އޭނާ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، ޔޫރޯ 2024 ގައިވެސް ރެފުރީކަން ކޮށްފައެވެ. މީގެ ތެރޭގައި 2022 ގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗު ފާހަގަކޮށްލެވެއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ކަޕުގައި ޖުމްލަ 52 ރެފުރީންނާއި، 88 އެސިސްޓަންޓް ރެފުރީންގެ އިތުރުން 30 ވީޑިއޯ މެޗު އޮފިޝަލުން ހަރަކާތްތެރިވާނެއެވެ.