ENGLISH

13 ޖޫން 2026

Advertisement

ވޯލްޑް ކަޕުގައި ގިނައިން ފިޔާތޮށި ބޫޓު، ކީއްވެ؟

13 ޖޫން 2026

|

ސުވެއިދާ ހުސެއިން

މި ފަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދާ ފިޔާތޮށި ބޫޓު: މި ކުލަ ގިނަވެފައިވަނީ ހުރިހާ ބްރޭންޑެއްގެ އުފެއްދުންތަކުގައިވެސް މި ކުލަ ބޭނުން ކޮށްފައިވުމުން --- ފޮޓޯ: ގެޓީ

އެއްޒަމާނެއްގައި ފުޓްބޯޅަ ބޫޓު ފެންނަނީ ހަމައެކަނި ކަޅު ކުލައިގައެވެ. ނަމަވެސް ވޭތުވެދިޔަ ފަންސަވީހަކަށް އަހަރުގެ ތެރޭގައި މިކަން ވަނީ މުޅިން ބަދަލުވެފައެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުން އެ މީހުންގެ އުފެއްދުންތަކަކީ ތަފާތު އެއްޗެއްކަން ދެއްކުމަށްޓަކައި، އެކި ކުލައިގެ ބޫޓުތައް ހަދަން ފެށިއެވެ. އެހެންވުމުން ދަނޑުމަތިން ތަފާތު ކުލަތަކުގެ ބޫޓުތައް ފެނިގެންދިޔައެވެ.

އެހެންނަމަވެސް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެންނަނީ އަނެއްކާވެސް މާޒީ އިއާދަވަމުންދާ މަންޒަރެކެވެ. ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މިހާރު ބޭނުންކުރަނީ އެއް ކުލައެއްގެ ބޫޓެކެވެ. އެކަމަކު މިފަހަރު އެއީ ކަޅު ކުލައެއް ނޫނެވެ. އެއީ ފިޔާތޮށި ކުލައެވެ.

މިކަމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބްރޭންޑުތައް ކަމަށްވާ ނައިކީ، އެޑިޑާސް އަދި ޕޫމާއިން މި ފަހަރުގެ މުބާރާތަށް ޚާއްސަކޮށްގެން ނެރުނު ބޫޓުތަކުގެ ފަރުމާ އާއި ކުލަ އެއްގޮތްވުމެވެ.

މެކްސިކޯ ސިޓީގައި މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި ފުރަތަމަ މެޗުންވެސް މިކަން ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ. ދަނޑުމަތީގައި ތިބި ގާތްގަނޑަކަށް ހުރިހާ ކުޅުންތެރިންނެއް ތިބީ ގަދަ ފިޔާތޮށި ކުލައިގެ ބޫޓުގައެވެ.

މިއާއެކު ބޫޓުގެ ކުލަ އެއްގޮތްވުމާއި ގުޅޭގޮތުން ސުވާލުތަކެއް އުފައްދަން ފެށިއެވެ. އެހެންވީމާ މި މުބާރާތުގައި ފިޔާތޮށި ކުލަ އެންމެ ގަދަޔަށް ފެންނަން އޮތް ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ.

2026 ގައި ފިޔާތޮށި ކުލަ މަގުބޫލުވާނެކަން ބްރޭންޑުތަކަށް އެނގުނީ ކިހިނެއް؟

މާޒީގައި ނައިކީ، އެޑިޑާސް އަދި ޕޫމާ ފަދަ ކުންފުނިތަކުން އިސްކަންދީފައިވަނީ ކަޅާއި ހުދު ފަދަ އާދައިގެ ކުލަތަކަށެވެ. ނަމަވެސް މި ފަހަރުގެ އުފެއްދުންތަކުގައި ބޮޑަށް ބަލާފައިވަނީ ލޮލުގައި އަޅައިގަންނަ ފަދަ ގަދަ ކުލަތައް ބޭނުންކޮށްގެން އެހެން އުފެއްދުންތަކާ ތަފާތުވުމަށެވެ.

2024 ވަނަ އަހަރު ކޮންސިއުމަރ ޓްރެންޑް ފޯކާސްޓުކުރާ ޑަބްލިޔުޖީއެސްއެން އިން ވަނީ "އިލެކްޓްރިކް ފިއުޝާ" އަކީ 2026 ވަނަ އަހަރުގެ ހޫނު މޫސުމުގެ އެންމެ މަގުބޫލު އެއް ކުލައަށްވާނެ ކަމަށް ލަފާކޮށްފައެވެ.

އެ ކުންފުނިން އެ ކުލަ ސިފަކޮށްފައިވަނީ ފިޔާތޮށި ކުލަ އާއި ދަނބު ކުލައާ ދެމެދުގެ، ލޮލަށް ފަސޭހައިން ފާހަގަވާ ވަރަށް ގަދަ، ވިދާ ކުލައެއްގެ ގޮތުގައެވެ. ބޮޑެތި ބްރޭންޑުތަކުން މި ލަފާކުރުންތަކަށް ބަލާފައިވާ މިންވަރު ސީދާ ބުނަން ނޭނގުނަސް، ހުރިހާ ބްރޭންޑުތަކަކުން ފިޔާތޮށި ކުލަ އިޚުތިޔާރުކުރުމަކީ އިއްތިފާގެއް ކަމަށް ބެލުމަކީ އުނދަގޫ ކަމެކެވެ.

ފުޓްބޯޅަ އާއި ފެޝަންގެ ގުޅުން

އައު ބޫޓެއް ފަރުމާކުރުމުގެ މަސައްކަތަކީ އެ ބޫޓެއް ބާޒާރަށް ނެރުމުގެ ދެ އަހަރު ކުރިން ފެށޭ މަސައްކަތެކެވެ. މި މަރުހަލާގައި، އުފެއްދުންތެރިން ޑަބްލިޔުޖީއެސްއެން ފަދަ ކުންފުނިތަކުގެ ލަފާ ހޯދައެވެ. އެއީ އެ މީހުންގެ އުފެއްދުން ބާޒާރަށް ނެރޭ ދުވަސްވަރު އެންމެ ހިނގާނެ ކުލަތަކާއި ފަރުމާތައް ދެނެގަތުމަށެވެ.

ފިޔާތޮށި ކުލަ ފުޓްބޯޅައިގައި މިހާ މަގުބޫލުވާން ދިމާވި އެހެން ސަބަބުތައްވެސް އެބަހުއްޓެވެ. މިހާރުގެ ކުޅުންތެރިންނަކީ ކުރީގެ ޖީލުތަކާ ޚިލާފަށް، ތަފާތު އަދި ކުލަގަދަ ބޫޓުތަކަށް ލޯބިކުރާ ބައެކެވެ.

ނަމަވެސް އެންމެ ސާދާ ސަބަބަކީ ފިޔާތޮށި ކުލަ ދަނޑުގެ ފެހި ކުލައާ ވަރަށް ބޮޑަށް ތަފާތުވުމެވެ. ޓީވީން ބެލިޔަސް، ދަނޑުގައި ހުރެގެން ބެލިޔަސް، ނުވަތަ ފޯނުން ސޯޝަލް މީޑިއާ ބެލިޔަސް، މި ކުލަ ވަރަށް ބޮޑަށް ފާހަގަވެއެވެ. ސްލޯ މޯޝަން ކްލިޕުތަކާއި ދަނޑުގެ ލައިޓުތަކުގެ ދަށުންވެސް ފިޔާތޮށި ކުލައިގެ ބޫޓު ވަރަށް ރީތިކޮށް ފެނެއެވެ.

ކުރުކޮށް ބުނާނަމަ މީގެ މައިގަނޑު ބޭނުމަކީ ކުޅުންތެރިޔާގެ ފައި ފާހަގަކޮށްދިނުމެވެ. ނަމަވެސް ހުރިހާ އުފެއްދުންތެރިން އެއް ކުލައެއް ބޭނުންކުރަން ފެށުމުން، ވަކިވަކި ބްރޭންޑުތަކުގެ ފަރުމާތައް ފާހަގަކުރަން އުނދަގޫވުމަކީވެސް އެކަށީގެންވާ ކަމަކަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު