ENGLISH

20 މޭ 2026

Advertisement

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ މެސީ، ވޯލްޑް ކަޕުގެ ތަށި ދިފާއުކުރަން ތައްޔާރު!

20 މޭ 2026

|

އިސްމާއިލް ޝާހު

2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޓްރޮފީ އާއެކު މެސީ ---

ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑޯ އެވޯޑު އަށް ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއަކީ މިހާތަނަށް އެ އެވޯޑު އެންމެ ގިނައިން ހާސިލުކޮށްފައިވާ ކުޅުންތެރިޔާއެވެ. މެސީގެ ކެރިއަރުން އެންމެ ފާހަގަކޮށްލެވުނީ 2022 އަހަރުގެ ފަހުކޮޅު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާއާއެކު ކާމިޔާބުކުރުމެވެ. އެއާއެކު ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި މެސީ ވިދާލިއެވެ.

ވޯލްޑް ކަޕުގެ އިތުރުން މެސީ ވަނީ އާޖެންޓީނާ އާއެކު ދެ ފަހަރެއްގެ މަތިން ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ 2021 އަދި 2024 ވަނަ އަހަރެވެ. މީގެ ތެރެއިން 2021 ވަނަ އަހަރުގެ މުބާރާތަކީ ގައުމީ ޓީމާއެކު މެސީ ހޯދި ފުރަތަމަ ބޮޑު ކާމިޔާބީއެވެ. އަދި ފުޓްބޯޅައިގެ ވަރުގަދަ ދެ ބައްރު ކަމަށްވާ ދެކުނު އެމެރިކާ އާއި ޔޫރަޕުގެ ޗެމްޕިއަނުންގެ މެދުގައި 2022 ވަނަ އަހަރު ކުޅުނު "ފައިނަލިސިމާ" ވެސް މެސީ ވަނީ އާޖެންޓީނާ އާއެކު ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ---

ކުލަބު ފެންވަރުގައި ހުރިހާ ކާމިޔާބީއެއް ހާސިލުކުރި

ކެރިއަރުގެ ކުރީކޮޅު އާޖެންޓީނާގައި ނާކާމިޔާބު ދުވަސްތަކެއް މެސީ ހޭދަކުރި ނަމަވެސް، އެ ދުވަސްވަރު މެސީ ވަނީ ކުލަބު ފެންވަރުގައި ހުރިހާ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. ސްޕެއިންގެ ބާސެލޯނާގެ ލަ މާސިއާ އެކެޑަމީން ތަމްރީނުވި މެސީ، ސީނިއަރ ޓީމަށް މެޗެއް ކުޅެދިނީ 2024 ވަނަ އަހަރެވެ. ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯގެ އެސިސްޓަކުން ބާސެލޯނާއަށް ފުރަތަމަ ލަނޑު ޖަހައިދިން މެސީ ވަނީ އެ ކުލަބުގައި ހޭދަކުރި 17 ސީޒަނުގައި 778 މެޗު ކުޅެދީ، 672 ލަނޑު ޖަހާފައެވެ.

ބާސެލޯނާއިން ވިދާލި މެސީ ވަނީ އެ ކުލަބާއެކު ސްޕެނިޝް ލީގު 10 ފަހަރު، ސްޕެނިޝް ކަޕް 7 ފަހަރު، ސްޕެނިޝް ސުޕަރ ކަޕް 7 ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު 4 ފަހަރު، ޔުއެފާ ސުޕަރ ކަޕް 3 ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް 3 ފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެނިޝް ލީގުގެ ތައްޓާއެކު ބާސެލޯނާގެ ކެޕްޓަން މެސީ އުފާފާޅުކުރަނީ ---

ބާސެލޯނާގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު މެސީ އެ ކުލަބު ދޫކޮށްލަން ޖެހުނީ ބާސެލޯނާއަށް ކުރިމަތިވި މާލީ މައްސަަލަތަކަކާ ގުޅިގެންނެވެ. އެއާއެކު ފްރާންސްގެ ޕީއެސްޖީއަށް 2021 ވަނަ އަހަރު މެސީ ބަދަލުވިއިރު، އޭނާ ވަނީ އެ ޓީމުގައިވެސް ތަފާތު ދައްކާފައެވެ. އެގޮތުން ޕީއެސްޖީގައި ހޭދަކުރި ދެ ސީޒަނުގައި އެ ޓީމަށް ކުޅެދިން 75 މެޗުގައި ވަނީ 32 ލަނޑު ޖަހާފައެވެ. މެސީ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު 2 ފަހަރު އަދި ފްރެންޗް ސުޕަރ ކަޕް 1 ފަހަރު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީ ދޫކޮށް މެސީ އެމެރިކާގެ އިންޓަރ މަޔާމީއަށް ބަދަލުވީ 2023 ވަނަ އަހަރެވެ. ފުޓްބޯޅަ ލެޖެންޑް ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ ކުލަބަށް މެސީ ބަދަލުވިއިރު، އެ ޓީމާއެކުވެސް މެސީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް އިންޓަރ މަޔާމީއަށް ކުޅެދިން 103 މެޗުގައި އޭނާ ވަނީ 90 ލަނޑު ޖަހާފައެވެ. އަދި މެސީ ވަނީ އިންޓަރ މަޔާމީއާއެކު މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ކަޕް، ސަޕޯޓަރސް ޝީލްޑް އަދި ލީގްސް ކަޕް ކާމިޔާބުކޮށްފައެވެ.

އިންޓަރ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ ----

ވޯލްޑް ކަޕަށް ތައްޔާރުވުމަށް މެސީގެ ޚާއްސަ ތަމްރީނުތަކެއް

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް އާޖެންޓީނާއިން އެކުލަވާލާ ސްކޮޑު އަދި މިހާތަނަށް އިއުލާން ކޮށްފައި ނުވި ނަމަވެސް، އެ ލިސްޓުގައި އެ ގައުމުގެ ކެޕްޓަން މެސީ ހިމެނޭނެ ކަމަށް ބެލެވެއެވެ. މިހާތަނަށް ފަސް ވޯލްޑް ކަޕެއްގައި މެސީ ކުޅެފައިވާއިރު، އޭނާ އަކީ ފަސް ވޯލްޑް ކަޕެއްގައި ކުޅުނު ހަ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. މިހާތަނަށް އެއްވެސް ކުޅުންތެރިއަކު ހަ ވޯލްޑް ކަޕެއްގައި ކުޅެފައި ނުވާއިރު، މި ފަހަރުގެ މުބާރާތް ވެގެންދާނީ މެސީގެ ހަވަނަ މުބާރާތަށެވެ. އެ ޝަރަފު ދެން ލިބެނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.

މިފަހަރުގެ މުބާރާތުގައި މެސީ ކުޅޭކަން އަދި ކަށަވަރުވެރި ނުވި ނަމަވެސް، މުބާރާތަށް ފުރިހަމައަށް މެސީ ތައްޔާރުވަމުން އަންނަ ކަމަށް އޭނާ އާއެކު އިންޓަރ މަޔާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރިގޯ ޑި ޕޯލް ވަނީ ބުނެފައެވެ. އެގޮތުން އިންޓަރ މަޔާމީއަށް މެޗުތައް ކުޅެމުން، އެ ޓީމުގެ ޝެޑިއުލަށް ބުރޫނާރާނެހެން ވޯލްޑް ކަޕަށް ތައްޔާރުވުމަށް ޚާއްސަ ތަމްރީނުތަކެއް އެ ދެ ކުޅުންތެރިން ހަދަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

އިންޓަރ މަޔާމީގެ ފަރިތަކުރުންތަކުގެ ތެރެއިން މެސީ ---

އާޖެންޓީނާ ވޯލްޑް ކަޕުގެ ގްރޫޕް ޖޭގައި

މި ފަހަރުގެ މުބާރާތުގެ ގްރޫޕް ޖޭގައި އެންމެ ފަހުގެ ޗެމްޕިއަނުން ހިމެނޭއިރު، މި ގްރޫޕުގައި ދެން ހިމެނެނީ އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަންއެވެ. މި ފަހަރުގެ މުބާރާތުގައި މުޅިން އަލަށް 48 ގައުމު ވާދަކުރާއިރު، މުބާރާތުގެ ކުޅުން ފަށާނީ ޖޫން މަހުގެ 11 ވަނަ ދުވަހެވެ.

  • އާޖެންޓީނާ - އަލްޖީރިއާ (17 ޖޫން)
  • އާޖެންޓީނާ - އޮސްޓްރިއާ (22 ޖޫން)
  • ޖޯޑަން - އާޖެންޓީނާ (28 ޖޫން)
ކިޔުންތެރިންގެ ހިޔާލު