ENGLISH

13 މޭ 2026

Advertisement

ރެއާލްގެ ރައީސް ޕެރޭޒް އައު އިންތިޚާބަކަށް ގޮވާލައްވައިފި

13 މޭ 2026

|

އިސްމާއިލް ޝާހު

ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ---

ރެއާލް މެޑްރިޑުގެ އައު އިންތިޚާބެއް ބޭއްވުމަށް އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގޮވާލައްވައިފިއެވެ.

ޕެރޭޒް އެންމެ ފުރަތަމަ ރެއާލްގެ ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވީ 2000 ވަނަ އަހަރެވެ. އޭރުން ފެށިގެން 2006 އާ ހަމައަށް ޕެރޭޒް ރެއާލްގެ ރައީސްކަން ކުރެއްވިއިރު، އޭރު މަގާމުން ވަކިވެވަޑައިގަތް އެއް ސަބަބަކީ ކުލަބުގެ ހިންގުމަށް ބަދަލެއް އަންނަން ޖެހޭ ވަގުތު ކަމަށް ބައްލަވައެވެ.

އޭގެ ފަހުން ޕެރޭޒް އަންނަނީ 2009 ވަނަ އަހަރުން ފެށިގެން ރެއާލްގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. އޭނާ 2013، 2017 އަދި 2021 ވަނަ އަހަރުގެ އިންތިޚާބުވެސް ކާމިޔާބުކުރެއްވީ ވާދަކުރާނެ އިދިކޮޅު ކެންޑިޑޭޓަކު ނެތިއެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕެރޭޒް ވަނީ އައު އިންތިޚާބަކަށް ރަސްމީކޮށް ގޮވާލައްވާފައެވެ. އަދި އޭނާއަށް ފާޑުކިޔާ މީހުންނަށް ފިލައިގެން ތިބެ ފާޑުކިޔުމަށް ވުރެ، އިންތިޚާބުގައި ވާދަކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ޕެރޭޒް ވަނީ އުމުރުން 79 އަހަރުވީ ނަމަވެސް، އޭނާގެ ސިއްހަތު ރަނގަޅުކަން ކަށަވަރުކޮށްދީ، އަލުން އިންތިޚާބުގައި ވާދަކުރަން ގަސްތުކުރާ ކަމަށް ވިދާޅުވެފައެވެ.

ރެއާލް މެޑްރިޑަށް މި ސީޒަނުގައި ކާމިޔާބީއެއް ލިބިފައި ނުވާއިރު، އެ ޓީމާ އެންމެ ވާދަވެރި ބާސެލޯނާއިން ވަނީ މިދިޔަ ދެ ސީޒަނުގައިވެސް ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފައެވެ.

އެއާއެކު ނޫސްވެރިންގެ މި ބައްދަލުވުމުގައި ޕެރޭޒް ވަނީ ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއްވެސް ކުރައްވާފައެވެ. ޕެރޭޒް ވިދާޅުވާ ގޮތުގައި ބޭރުގެ ބާރުތަކާއި، ގޯސް ނިންމުންތަކުގެ ސަބަބުން އޭނާގެ ދައުރުގައި އެ ކުލަބަށް ވަނީ ހަތް ފަހަރު ލަލީގާ ޗެމްޕިއންކަން ގެއްލިފައެވެ.

"އަހަރެންނަށް ކާމިޔާބުކުރެވުނީ 7 ފަހަރު ޗެމްޕިއަންސް ލީގު އަދި 7 ފަހަރު ލަލީގާ. ނަމަވެސް 14 ފަހަރު ލަލީގާގެ ޗެމްޕިއަންކަން އަހަރެންނަށް ލިބުނީސް. އެ މީހުން ވަނީ އަހަރެމެންގެ އަތުން 7 ލަލީގާގެ ތަށި ފޭރިގަނެފައި." - ޕެރޭޒް ވިދާޅުވިއެވެ.

ސްޕެނިޝް ލީގުގައި ކޮރަޕްޝަން އޮތް ކަމަށް ޕެރޭޒް ތުހުމަތުކުރެއްވިއިރު، އޭނާގެ ބަޔާންތަކާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވާދަވެރި ބާސެލޯނާއިން ވަނީ ބުނެފައެވެ.

ރެއާލްގެ ހާލަތު މި ފަހުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިދިޔަ ޖެނުއަރީ މަހު ޒަބީ އަލޮންސޯ ކޯޗުގެ މަގާމުން ވަކިކުރުމާއި، މިހާރުގެ ކޯޗު އަލްވާރޯ އާބެލޯއާ ވަކިކުރުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ޖޯސޭ މޮރީނިއޯ އެނބުރި ހެޑް ކޯޗުގެ މަގާމަށް އައުމަށް ފަހުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ރެއާލްގެ ސްކޮޑަށް މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ފެޑެރިކޯ ވަލްވާޑޭ އާއި އޮރެލިއަން ޗުއަމެނީއާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ އިތުރުން ކިލިއަން އެމްބާޕޭއާ ގުޅޭ ގޮތުން ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތައްވެސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު