ENGLISH
13 މޭ 2026
މާލެ ސަރަހައްދުން ހިމަބިހީގެ ދެ ކޭސް ފެނިއްޖެ
13 މޭ 2026
|
އައިޖީއެމްއެް ހޮސްޕިޓަލް. ފޮޓޯ؛ވޮއިސް
އެންމެ މަޤްބޫލު
މި ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ ދެ ކޭސް ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މި ހަފްތާގެ ތެރޭގައި މާާލެ ސަރަހައްދުން ހިމަބިއްސަށް ދެ ކޭސް ޕޮސިޓިވްވެފައިވާތީ ބަލި ފެނުމާއެކު އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ބަލި ފެތުރުނު ގޮތުގެ ތަހުގީގެއް ހެދުމާއި، ބަލި ޖެހުނު މީހުންނާ އެއްތަންވީ މީހުން ދެނެގަތުމާއި އެ މީހުންނަށް ވެކްސިންދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް ރާއްޖެއިން ރިޕޯޓްކޮށްފައިވާ ހިމަބިހީގެ ފަސް ކޭހުގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ ކޭސް ހިމެނޭކަމަށެވެ.
މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ވަކިން ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގައިވެސް ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއްކަމުން ހުން އައުމާއެކު ހަށިގަނޑުން ރަތް ތިކި ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން މުހިއްމުކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.
ހިމަބިހި ފެތުރޭ ގޮތް:
· ބަލިމީހާ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވާޞިލްވުން.
· ޖަރާސީމާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލެވުމަށްފަހު، އަތްނުދޮވެ، ނޭފަތް، އަނގަ ނުވަތަ ލޮލުގައި އަތްލުން.
· ބަލިޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ ކާބޯތަކެތި އަނެކާ ބޭނުންކުރުން : މަދުން ނަމަވެސް މިގޮތަށް ހިމަބިހި ޖެހެއެވެ.
ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް:
· ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ ކުޑަކުދިންނާއި މީހުން : އެގޮތުން ލޭގެ ކެންސަރާއި، އޭޑްސް ފަދަ ބަލިތަކާއި، އަދި ސްޓީރޮއިޑް ފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން ދިފާޢީ ބާރު ދެރަވެފައިވާ މީހުންނަށް ފަސޭހައިން ހިމަބިހި ޖެހޭގޮތް ވެއެވެ.
· ހިމަބިހި އާންމު ހިސާބުތަކަށް ދަތުރުކޮށްއުޅޭމީހުން : ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީ، ހިމަބިހި އުޅޭ ހިސާބަކަށް ދަތުރުފަތުރުކުރާ މީހުންނަށް ފަސޭހައިން ހިމަބިހި ޖެހެއެވެ.
· ކާނާ ގޯސްވުން ކުރިމަތިވެފައިވާ ކުޑަކުދިންނާއި މީހުން.
· ވިޓަމިން އޭ ހަށިގަނޑުގައި މަދުވެފައިވާ ކުޑަކުދިންނާއި މީހުން.
· މާބަނޑު މީހުން
ހިމަބިހީގެ އަލާމާތްތައް:
. ހުން އައުން
. ހަމުގައި ރަތް ބިހިތަކެއް ނެގުން
. ކެއްސުން
. ނޭފަތުން އަރިދަފުސް ފޭބުން
. ލޯ ރަތްވުން
ހިމަބިހިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ އެބަލިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައި ހުންނަ ވެކްސިން ދިނުމެވެ. ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގައި ހިމަނައިގެން މި ބަލިން ރައްކާތެރިވުމަށް އެމްއާރު ވެކްސިން އަދި އެމްއެމްއާރު ވެކްސިން ގަވާއިދުން އަންނަނީ ދެމުން ނެވެ.