ENGLISH

13 މޭ 2026

Advertisement

އަމިއްލަ ގޯތީގައި، ގެ އެޅުމަށްޓައި އެއް ބިލިއަން ރުފިޔާގެ ލޯން އެޕްރޫވްކޮށްފިން: ވަޒީރު މުއްތަލިބު

13 މޭ 2026

|

އާމިނަތު ނުޒްލާ

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

އަމިއްލަ ގޯތީގައި ގެ އެޅުމަށް އެހީތެރިވެދިނުމުގެ ގޮތުން، ހިޔާ ވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މި އެއް ބިލިއަން ރުފިޔާގެ ލޯންތަކަކީ ގާތްގަނޑަކަށް 850 މީހުންނަށް ދިނުމަށް އެޕްރޫވްކޮށްފައިވާ ލޯންތަކެއް ކަމަށެވެ.

"މިހާރުވެސް ޕްރޮޕޯސަލްތަކެއް ލިބިފައެބަހުރި. ސަރުކާރު ސަބްސިޑައިޒްކޮށްފައި އެފަރާތްތަކުން ރައްޔިތުންނަށް ވިއްކާ ގޮތަށް. ބޭންކް ފައިނޭންސް މެދުވެރިކޮށް ވިއްކާގޮތަށް އެޅުމަށްޓަކައި. މިހާތަނަށް އެމީހެއްގެ އަމިއްލަ ގޯތީގައި އިމާރާތްކުރުމަށްޓަކައި އެއްބިލިއަން ރުފިޔާގެ ލޯން އެޕްރޫވްކޮށްފަ ހުރީ،" ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ.

ދިރިއުޅޭނޭ ބޯހިޔާވަހި ކަމެއް ނެތުމަކީ، ދިވެހިންނަށް ދިވާމެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އެހެންކަމުން ވަޒީރު ވިދާޅުވީ މި މައްސަލައަށް ހައްލެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން އަންނަނީ އެކި މޮޑެލްތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ލޯނު ދިނުމަށާއި، އިމާރާތްތައް ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވީ ހިޔާވަހި ލޯންގެ ދެވަނަ ސްކީމައެއް ތައާރަފްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން ވަޒީރު ވިދާޅުވީ، ބޭރުގެ ފަރާތްތަކުން މި މަޝްރޫއުތަކަށް ލޯނު ނުލިބުމުން، އިތުރު އިނޮވޭޓިވް މޮޑެލްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި މޮޑެލްތަކަށް ކޮންޓްރެކްޓަރުންނާއި، ޕްރައިވެޓް ސެކްޓަރާ ގުޅުވައިގެން ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަން ވިދާޅުވި އެވެ.  

މެދު އިރުމަތީ ހަގުރާމާއިގެ ސަބަބުން، ރާއްޖެއަށް ދިމާވެފައިވާ ދަތި ހާލަތުގައިވެސް ވަރަށް ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ގަބޫލު ކުރައްވާކަމަށް ވަޒީރު ވިދާޅުވި އެވެ.  

ކިޔުންތެރިންގެ ހިޔާލު