ENGLISH
13 މޭ 2026
ކޯޓުތަކުގެ ނިންމުންތަކާ ދެބަސްވާނަމަ އޮންނާނީ އިސްތިއުނާފުކުރުން: ފަތުހީ
13 މޭ 2026
|
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ، ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ޝަރުއީ ކޯޓުތަކުގެ ނިންމުންތަކާމެދު ދެބަސްވާނަމަ ނުވަތަ އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއް ނޫންކަަމަށް ގަބޫލުކުރާނަަމަ އޮންނާނެ ފަރުވާއަކީ އިސްތިއުނާފުގެ މަރުހަލާގައި އެ ނިންމުންތަކަށް ތައުނުކުރުން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު މޫސާ ފަތުހީ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ފަތުހީ ވިދާޅުވީ އިސްލާމީ ޝަރީއަތް ބައިވައިލެއްވީ ފަސް މުހިއްމު މަސްލަހަތެއް ހިމާޔަތްކުރުމަށް ކަމަށެވެ. އެއީ ދީނާއި ފުރާނައާއި ބުއްދިއާއި މުދަލާއި އަބުރުކަން ފާހަގަކުރައްވަމުން ފަތުހީ ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ ލާޒިމުކުރަނީ ޝަރުއީ ކޯޓުތަކުން މި މަސްލަހަތުތައް ނަގަހައްޓައި ދެމެހެއްޓުން ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފަައިވާ ހައްގުތަކާއި މިނިވަންކަން އޮންނަނީ އިސްލާމީ ޝަރީއަތުގެ އިންތަކުގެ ތެރޭގައި މަހުދޫދުކުރެވިފައި ކަމަށެވެ. ފަތުހީ ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީއަތާ ހިލާފު މާއްދާއެއް ގާނޫނުއަސާސީގައި ހިމެނިޔަސް، އަދި ގާނޫނެއްގައި ހިމެނުނަސް އެ މާއްދާއެއް ބާތިލުވާނެއެވެ.
"އިސްލާމީ ޝަރީއާ ތަަންފީޒުކުރުމުގައި، އިސްލާމީ ޝަރީއާ މިތާ ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަން އޮންނަ ފަރާތަކީ ޝަރުއީ ނިޒާމު ނުވަތަ ކޯޓުތައް. އަދުލު އިންސާފު ގާއިމުކުރުމުގެ ތެރެއިން އިސްލާމީ ޝަރީއަތް ހިމާޔަތްވެގެންދިއުމުގެ ބިންގަލަކީ. މިދެންނެވި މަސްލަހަތުތައް ހިމާޔަތްކުރާ ވަސީލަތަކީ ޝަރީއަތުގެ މަހައްލު، ކޯޓުތަކުގެ ނިންމުންތައް،" ފަތުހީ ވިދާޅުވިއެވެ.
ފަތުހީ އިތުރަށް ވިދާޅުވީ ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ކޮންމެ މީހަކު ކުޅޭކުޅޭ އެއްޗަކަށް ހަދައި އެއަށް އިހުތިރާމުނުކުރުމުގެ ސަގާފަތެއް އުފެދިއްޖެނަމަ އެ ހިސާބުން ދިވެހި ދައުލަތުގެ "ހީރަސް ކެނޑިދާނެ" ކަމަށެވެ. އޭނާ ވިދާޅުވީ ކޯޓުތަކުގެ ހުރުމަތް ނެގެހެއްޓުމުގެ އަސާސް އޮންނަ ސަބަބަކީ އެއީއެވެ.
ކޯޓުތަކުގެ ބާރަކީ ހަމަހަމަކޮށް ކޯޓުތަކަށް ލިބިދީފައިވާ ބާރެއް ކަމަށާއި، އިސްތިއުފާނުގެ ބޭރުން އެއް ކޯޓުން އަނެއް ކޯޓުގެ ހިންގުމުގެ ތެރެއަށް ވަނުމަކީ ގާނޫނުއަސާސީން މަނާކުރާ ކަމެއްކަން ފާހަގަކުރައްވަމުން ފަތުހީ ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތާ ބެހުމަކީ ދައުލަތުގެ މުވައްޒަފުންނާއި އަމިއްލަ ފަރުދުންނަށްވެސް ގާނޫނުއަސާސީން މަނާކޮށްފަައި އޮތް ކަމެއް ކަމަށެވެ.
"އެއާއެކީގައި އެނެރޭ އަމުރަކާ ނުވަތަ އެ އިއްވި ހުކުމަކާ ގަބޫލުނުކުރެއްވެންޏާވެސް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި މަގުތައް އެބަހުރި. އެއަށް މިކިޔަނީ އިސްތިއުނާފުކުރުން ނުވަތަ އެޕީލްކުރުން. އެ ނެރުނު އަމުރަކީ ބަލައިނުގަނެވޭ ނުވަތަ ޝަރުއީ ހަމަތަކުން ގޯހެއްކަމަށްވަންޏާ ނުވަތަ ބަލައިގަންނަން ނުފެންނަކަމަށް އަޅުގަނޑުގެ ކިބައިގައި ހުއްޖަތްތައް ހުރިކަމަށްވަންޏާ އެޕީލް މަރުހަލާއަށް ގޮސް ގޮންޖަހަންވީ،" ފަތުހީ ވިދާޅުވިއެވެ.
ގާނޫނީ ގޮތުން ބާރު ދެމިއޮތް ކޯޓު އަމުރަކަށް އަމިއްލައަށް ގޮންޖެހުމުގެ އެއްވެސް ބާރެއް އެއްވެސް ފަރާތަކަށް ގާނޫނުއަސާސީން ލިބުނުދޭކަން ފާހަގަކުރައްވަމުން ފަތުހީ ވިދާޅުވީ އެގޮތަށް އަމަލުކުރުމަކީ ދައުލަތުގެ ހަމަޖެހުމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ.
ރާއްޖޭގެ ގާނޫނުއަސާސީން ފޯރުކޮށްދޭ ހުރިހާ ހައްގުތަކެއް ފޯރުކޮށްދީފައި އޮންނަނީ އިސްލާމީ ޝަރީއަތުގެ އަސްލަކާ ހިލާފުނުވާނެ ގޮތުގެ މަތިންކަން ފާހަގަކުރައްވަމުން ފަތުހީ ވިދާޅުވީ ރާއްޖޭގައި ކޮންމެ ހައްގެއް އަދި މިނިވަންކަމެއް ގޮސް ނިމޭ ހިސާބު ގާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައި އެބައޮތް ކަމަށެވެ.
އަދި ޑިމޮކްރަސީގެ ވާހަކަދައްކާއިރު ދުސްތޫރީ ނިޒާމު ދެމެހެއްޓުމުގެ އެންމެ މުހިއްމު އަސާސަކީ ޝަރުއީ ނިޒާމުގެ އިސްތިގުލާލާއެކު ދަމަހަައްޓައި، އެ ނިޒާމުގެ އިތުބާރު ރައްޔިތުންގެ މެދުގައި ނެގެހެއްޓުންކަމަށްވެސް ފަތުހީ ވިދާޅުވިއެވެ.