ENGLISH

13 މޭ 2026

Advertisement

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމުގެ މަސައްކަތް ފަށައިފި

13 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ނާޒިމު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ނާޒިމު ވަކިކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމަންޓްރީ ގުރޫޕުން މަސައްކަތް ފަށައިފިއެވެ. 

ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރަކު އެމްއެމްޓީވީއަށް މައުލޫމާތު ދެއްވި ގޮތުގައި ނާޒިމު މަޖިލީހުގެ ނައިބުރައީސްކަމުން ވަކިކުރުމުގެ މަސައްކަތް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ފެށީ މިއަދު މެންދުރު ކުރިން ބޭއްވި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ މީޓިންއެއްގައި އޭނާ މަގާމުން ވަކިކުރުމަށް ފާސްވުމުންނެވެ. 

މެންބަރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި ނާޒިމުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. 

އޭގެ އިތުރަށް މިއަދު ހެނދުނު ޕާލިމަންޓްރީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕާއި ޕީއެންސީގެ ލީޑާޝިޕްގެ އެކި ގުރޫޕުތަކުން ނާޒިމު ބޭރުކުރައްވާފައިވާކަން "އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުވަނީ ޔަގީންކޮށްދެއްވާފައެވެ. 

ނާޒިމު ޕާޓީގެ ލީޑާޝިޕު ގުރޫޕުތަކުން ބޭރުކުރައްވައި، މަޖިލީހުގެ ނައިބުރައީސްކަމުން ވަކިކުރެއްވުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ފާސްކުރި ސަބަބެއް މިހާތަނަށް ހާމަނުކުރެއެވެ. 

ނާޒިމަކީ 2009 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަން ކުރައްވާފައިވާ މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އެއް ބޭފުޅާއެވެ. 

ކިޔުންތެރިންގެ ހިޔާލު