ENGLISH
13 މޭ 2026
ސިޔާސީ ހިޔާލު ތަފާތުވިޔަސް އިގްތިސާދު ކުރިއެރުވޭނީ އެންމެން އެއް ބަހެއް ކިޔައިގެން: ސައީދު
13 މޭ 2026
|
އިގްތިސާދި ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު އައްޑޫ ބިޒްނަސް ޑައިލޮގް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ.
އެންމެ މަޤްބޫލު
ސިޔާސީ ހިޔާލު ތަފާތުވިޔަސް ގައުމުގެ އިގްތިސާދު ކުރިއެރުވޭނީ ހުރިހާ އެންމެން އެއް ބަހެއް ކިޔައިގެން ކުރެވޭ މަސައްކަތުން ކަމަށް އިގްތިސާދި ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އައްޑޫ ބިޒްނަސް ޑައިލޮގް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ވަޒީރު ވިދާޅުވީ މިއަދު ފެށިގެންދިޔަ އައްޑޫ ބިޒްނަސް ޑައިލޮގަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ޑައިލޮގެއް ކަމަށެވެ.
ވިޔަފާރިއާއި ތަރައްގީއާއި އިގްތިސާދީ ކަންކަމުގައި ސަރުކާރުގެ ވިސްނުމާ ވިސްނުން އެއްގޮތް ވާން ނުޖެހޭކަމަށާއި ތަފާތު ހިޔާލުތަކަށް ފޯރަމްގެ ތެރެއިން ފުރުސަތު ހުޅުވާލެވިފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.
"މި ޑައިލޮގްގައި ބާއިވެރިވާން މިތަނަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ހަމައެކަނި ސަރުކާރުގެ ބޭފުޅުންނެއް ނޫން ހަމައެކަނި. ދައުލަތުގެ މުއައްސަސާތަކެއް ވެސް ނޫން ހަމައެކަނި. ރައްޔިތުންގެ ތެރޭގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތައް އެބަ ތިއްބެވި. މޭޔަރު އެބަ ހުންނެވި. ކައުންސިލަރުން އެބަ ތިއްބެވި. ކޮންމެހެނެއް ސަރުކާރާ އެއްފިކުރު ވާންޖެހޭ ވާހަކައެއްވެސް ނޫން އަޅުގަނޑު މި ދަންނަވަނީ. ނުވެސް ވާނެ އެގޮތަށް އެކަމެއް. ނަމަވެސް ތަރައްގީގެ ވިސްނުމުގައި ހުރިހާ ޕާޓީއެއްގެ ވިސްނުން މިހުރީ ތަރައްގީކުރަން. ގެންދާ ގޮތް ތަފާތީ. އެހެންކަމުން އެކަމަށް ފުރުސަތު އޮންނަންވާނެ،". ވަޒީރު ވިދާޅުވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރުވެސް ގޮންޖެހުންތައް ކުރިމަތިވަމުން އަންނައިރު މިފަަދަ ފޯރަމެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށްޓަކައި ބިނާ ކުރަނިވި ހިޔާތުތަކެއް ފާޅުކުރުމަށް ވަޒީރު ގޮވާލެއްވި އެވެ.
ވަޒީރު ވިދާޅުވީ ޑައިލޮގުން އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން އެކުލަވާލާ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އައްޑުއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެންހުރި ކަންކަން ކޮށްދެއްވާނެ ކަމަށެވެ. އެހެންވެ މި ހިޔާލުތައް ހުށަހެޅުމުގައި ޑައިލޮގްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ހުށަހަޅައި މަޝްވަރާތައް ކުރުމަށް ވަޒީރު އެދިވަޑައިގެންނެވި އެވެ.
އަލަށް އަމަލުކުރަންފެށި ފޮރިން އިންވެސްޓުމަންޓު ގާނޫނާއި ޗައިނާއާއެކު އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މަޝްވަރާގެ މަގުން ކުރެވުނު ކަންކަން ކަން ފާހަގަކުރައްވައި މަޝްވަރާގެ މަގުން ކުރެވޭ ކަންކަން ކާމިޔާބުވާނެކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ އައްޑޫގައި ކުރިއަށްގެންދެވޭ މަޝްރޫއަކީ ސަރުކާރުން 2040ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށްގެންދެވޭ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ.