ENGLISH
09 މޭ 2026
އިނގިލީގެ ނިޝާނާއި ފޮޓޯ ނުދީ ތިބި ބިދޭސީން ހޯދައި ޑީޕޯޓުކުރުމުގެ އޮޕަރޭޝަން ފެށިގެން ކުރިއަށް
09 މޭ 2026
|
އޮޕަރޭޝަން ކުރަނގީގެ ތިންވަނަ މަރުހަލާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
އެންމެ މަޤްބޫލު
ރާއްޖޭގައި އުޅޭ ބިދޭސީންގެ ބައޯ-މެޓްރިކް ޑޭޓާ އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ދަށުން ކުރި މަސައްކަތުގައި އެ ޑޭޓާ ނުދީ ތިބި ބިދޭސީން ހޯދައި ޑީޕޯޓުކުރުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އޮޕަރޭޝަން ކުރަނގީގެ ތިންވަނަ މަރުހަލާ ފެށުމުގެ ގޮތުން މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. އެ ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙު އަދި އެ މުއައްސަސާގެ ވެރިންނާއި އެ އޮޕަރޭޝަން ހިންގުމަށް އެކުލަވައިލި ޓާސްކްފޯސްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
އޮޕަރޭޝަން ކުރަނގީގެ ފުރަތަމަ މަރުހަލާގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާގެ ގޮތުގައި ދިހަ އިނގިލީގެ ނިޝާނާއި ކާކުކަން އެނގޭނެ ގޮތަށް ފޮޓޯ އެއްކުރުމަށް ކުރި މަސައްކަތުން މިހާތަނަށް ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ 98 އިންސައްތަ މީހުންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވިފައިވެއެވެ.
އޭގެ އިތުރަށް އެ އޮޕަރޭޝަނުގެ ދެވަނަ މަރުހަލާގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ފެތުމަށް ފުރުސަތު ދީ ޖުމްލަ ބިދޭސީންގެ 60 އިންސައްތަ ރެގުއިލަރައިޒްކުރެވިފައިވެއެވެ.
އޮޕަރޭޝަން ކުރަނގީގެ ތިންވަނަ މަރުހަލާއަކީ ބައޯމެޓްރިކް ޑޭޓާ ނުދީ ތިބި ބިދޭސީން ހޯދުމާއި އެމީހުން ޑީޕޯޓުކުރުމެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ 98 އިންސައްތަ މީހުންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވިފައިވާކަން އިއުލާނުކުރައްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ބައޯމެޓްރިކް ޑޭޓާ ނުދީ ތިބި ބިދޭސީން ހޯދައި ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ތެރޭގައި ކުރިއަށްދާނެކަން ހާމަކުރައްވާފައެވެ.
މިއަދުން ފެށިގެން ބައޯމެޓްރިކް ޑޭޓާ ނުދީ ތިބި ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތައް މެނުކެނޑި ކުރިއަށްގެންދާނެ ކަމުގައި އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ. އަދި މި އޮޕަރޭޝަނަކީ މުޅި ރާއްޖޭގައި ހިންގާނެ އޮޕަރޭޝަނެއްކަމަަށް އެ އިދާރާއިން ބުނެއެވެ.