ENGLISH

09 މޭ 2026

Advertisement

ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވުނު ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ހާސިލުކުރެވުނީ ބޮޑު ކާމިޔާބެއް: އިހުސާން

09 މޭ 2026

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު

ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވުނު ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަަތުގައި ހާސިލުކުރެވުނީ ވަރަށް ބޮޑު ކާމިޔާބެއްކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ. 

މިފަދައިން ވަޒީރު ވިދާޅުވީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ނުގަވާއިދުން އުޅޭ ބިދޭސީން މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމުގެ ގޮތުން ފެއްޓެވި "އޮޕަރޭޝަން ކުރަނގި"ގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބައޯމެޓްރިކް ޑޭޓާ އެއްކޮށް ނިމުމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްްވި ޕޯސްޓެއްގައެވެ. 

މި އޮޕަރޭޝަނުގެ ދަށުން ބިދޭސީންގެ ދިހަަ އިނގިލީގެ ނިޝާނާއި އެމީހުންގެ ފޯޓޯ އެއްކުރެވުނެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުސަތު ފޯރުކޮށްދީ ރެގުއިލަރައިޒްވެފައިވާ ބިދޭސީންގެ އަދަދު 60 އިންސައްތައިން މައްޗަށް އިތުރުކުރެވުނެވެ. 

އިހުސާނު ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތަކީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހު ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއާ މަތިކުރެއްވި މަސައްކަތެކެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހު ދާހިލީ ވުޒާރާއާއި ގުޅުންހުރި އިދާރާތަކުގެ ޓީމުތަކުން ވަރުބަލިކަމެއްނެތި އެ އަމާޒު ކުރިއަށްގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރެވުނު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

އިހުސާނުވަނީ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރުމުގައި ބައިވެރިވި މުއައްސަސާތަކާއި ވަކިވަކި ފަރުދުންނަށް ޝުކުރު އަދާކުރައްވާފައެވެ. 

އެއާއެކު ރައީސް ޑރ.މުއިއްޒުގެ ޒައާމަތުގެ ދެ އަހަރުގެ ތެރޭގައި ދެމިގެންގޮސްފައި އޮތް ގައުމީ މި މައްސަލައަށް ހައްލު ހޯދމުގައި ގިނަ ކުރިއެރުންތަކެއް ހާސިލުވެފައިވާކަމަށް ވިދާޅުވެ އިހުސާނު ފާހަގަކުރެއްވީ މި މައްސަލައަކީ ކުރީގެ ސަރުކާރުތަކަށް ހައްލެއް ހޯދައިނުދެވި އޮތް މައްސަލައެއް ކަމެވެ. 

ކިޔުންތެރިންގެ ހިޔާލު