ENGLISH
09 މޭ 2026
މެލޭޝިއާ މުބާރާތުގައި ހެދި ސެންޗަރީ އާއެކު އަޒްޔާން ވިދާލައިފި
09 މޭ 2026
|
މެލޭޝިއާ މުބާރާތުގައި ސެންޗަރީ ހެދި ރާއްޖޭގެ ހުނަރުވެރި ތަރި ޔޫސުފް އަޒްޔާން ފަރުހަތު --- ފޮޓޯ: މެލޭޝިއަން ކްރިކެޓް އެސޯސިއޭޝަން (އެމްސީއޭ)
އެންމެ މަޤްބޫލު
މިހާރު ކުރިއަށްދާ މެލޭޝިއަން ކްރިކެޓް އެސޯސިއޭޝަން (އެމްސީއޭ) ފިރިހެނުންގެ 50 އޯވަރު އިންޓަރ ސްޓޭޓް ޕްރިމިއަރ ކަޕް 2026 ގައި ރާއްޖޭގެ ހުނަރުވެރި ތަރި ޔޫސުފް އަޒްޔާން ފަރުހަތުގެ މޮޅު ކުޅުމަކާއެކު އޭނާ ކުޅެމުން އަންނަ ކުއަލަ ލަމްޕޫރު ޓީމު އެންމެ ފަހުން ކުޅުނު މެޗުން މޮޅުވެއްޖެއެވެ.
މީގެ ކުރިން ކެޕްޓަނެއްގެ ގޮތުގައި ފަސް މުބާރާތް ރާއްޖޭގެ މިލާން ކްރިކެޓް އެކެޑަމީއަށް ކާމިޔާބުކޮށްދީފައިވާ އަޒްޔާން މެލޭޝިއާއަށް ބަދަލުވީ ސްކޮލަޝިޕެއްގެ ދަށުން ކިޔަވަން ފުރުސަތު ލިބުމުންނެވެ.
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކުރުމުގެ އިތުރުން، ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމުވެސް މީގެ ކުރިން ހޯދާފައިވާ އަޒްޔާން މެލޭޝިއާގައިވެސް ކްރިކެޓް ކެރިއަރު ކުރިއަށްގެންދަމުން އަންނައިރު، އޭނާ ކުޅޭ ކުއަލަ ލަމްޕޫރު ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ވާދަކުރީ ސަރަވަކްއާއެވެ.
މި މެޗުގެ ގުރު ދިމާވުމުން ކުއަލަ ލަމްޕޫރު ޓީމުން ނިންމީ ހޮވުމަށެވެ. އެއާއެކު ސަރަަވަކް އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 190 ލަނޑެވެ. މި އިނިންގްސްގައި އަޒްޔާން ވަނީ 10 އޯވަރަށް ދެ ވިކެޓް ނަގާފައެވެ.
ޖަވާބުގައި ކުޅެން އަރައި ކުއަލަ ލަމްޕޫރު ޓީމު ވަނީ 43.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 191 ލަނޑު ހަދައި، މެޗު ކާމިޔާބުކޮށްފައެވެ. މި އިނިންގްސްގައި އަޒްޔާން ވަނީ ނުބައިނުވެ، 75 ބޯޅައިން 105 ލަނޑު ހަދާފައެވެ. އޭގެ ތެރެއިން ހަތަރަކަށް ދެ ބޯޅަ އަދި ހަޔަކަށް ދެ ބޯޅަ ވަނީ ޖަހާފައެވެ.
ޖުމްލަ ހަ ޓީމު ވާދަކުރަމުން އަންނަ އެމްސީއޭ 50 އޯވަރު އިންޓަރ ސްޓޭޓް ޕްރިމިއަރ ކަޕުގައި މިހާތަނަށް ކޮންމެ ޓީމަކުން ތިން މެޗު ކުޅެފައިވާއިރު، ކުއަަލަ ލަމްޕޫރު ތިންވަނަިއގައި އޮތީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަތަރު ޕޮއިންޓާއެކުއެވެ.
މި މުބާރާތުގައި އަޒްޔާން ސެންޗަރީއެއް ހެދިއިރު، މިދިޔަ އަހަރުގެ މެއި މަހު މެލޭޝިއާގައި ކުރިއަށްދިޔަ އެމްސީއޭ ސުޕަ ސީރީސް މެންސް 50 އޯވަރުގެ މުބާރާތުގައިވެސް އޭނާ ވަނީ ސެންޗަރީއެއް ހަދައި، ވިދާލާފައެވެ.