ENGLISH
09 މޭ 2026
"ސިފަމާ ފަން ރަން 2026" ގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގެންފި
09 މޭ 2026
|
ސިފަމާ ފަން ރަން 2026ގެ ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތުން. --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ސިފަމާ ފަން ރަން 2026" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައި އެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއަދު ހަވީރު ބޭއްވި މިރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދުގެ ދެކަނބަލުންނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުންނެވެ.
ސިފަމާ ފަން ރަން 2026 ގެ ޙަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، އެކަމަނާ ވަނީ ދުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސިފަމާގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ޙަވާލުކޮށްދެއްވީ ސިފަމާގެ ޗެއަރޕާރސަން ޚަދީޖާ ޒީނާ ރިފްޢަތުއެވެ.
ސިފައިންގެ ޢާއިލާ އާއި އާއްމުން ހިމެނޭގޮތަށް ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވި މިދުވުމަށް ފަހު، ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަހާއި ގުޅުވައިގެން ޚާއްޞަ ކޭކެއްވެސް ވަނީ ފަޅާފައެވެ.
މިއީ ސިފަމާގެ ފަރާތުން މިދުވުން ކުރިއަށް ގެންދިޔަ ދެވަނަ އަހަރެވެ.
ސިފަމާއަކީ، ދިވެހި ސިފައިންނާއި ސިފައިންގެ ޢާއިލާތަކާއި ގުޅުންހުރި މުހިންމު މަޤުޞަދުތަކެއް ހާސިލްކުރުމަށް ސަރުކާރުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާ ތަމްސީލު ކުރަނީ، ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ އެކުވެރި، ބަދަހި ޢާއިލާތަކެވެ.