ENGLISH
09 މޭ 2026
ރަސްދޫގައި ޗައިނާ ބަޔަކު ދިވެއްސަކަށް ހަމަލާދީފި؛ މަންޒަރު ދުށް މަންމަގެ ހާލު ގޯސް
09 މޭ 2026
|
ފުލުހުންގެ މައި އިދާރާ
އެންމެ މަޤްބޫލު
އއ. ރަސްދޫގައި ޗައިނާ ބަޔަކު ދިވެހި ޒުވާނަކަށް ދަގަނޑުބުރިއަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
މި ހާދިސާ ހިނގި މަންޒަރު ފެނި ލިބުނު ޝޮކުގައި އެ ޒުވާނާގެ މަންމަގެ ހާލު ދެރަވެ، މިހާރު ދަނީ މާލޭގައި ފަރުވާދެމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ރަސްދޫގައި ގެސްޓްހައުސްއަކާއި ވޯޓަރ ސްޕޯޓްސް ހިންގާ ޗައިނާގެ ދެ މީހެކެވެ.
އެމީހުން ހަމަލާދީފައިވަނީ އެތަނުގައި ޑިންގީ ދުއްވަން އުޅުނު ދިވެހި ޒުވާނަކަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެ ޒުވާނާއަށް ލިބެންޖެހޭ މުސާރައިގެ ފައިސާ ހޯދަން ދިއުމުންނެވެ.
ޗައިނާ މީހުން އޭނާއަށް ހަމަލާދިނީ އޭނާގެ ބޮލުގައި ދަގަނޑުބުރިއަކުން ޖަހައިގެންނެވެ.
ދަރިފުޅަށް ހަމަލާދިން މަންޒަރު ފެނުމާއެކު އެ ޒުވާނާގެ މަންމަ ވަނީ ހޭނެތިގެން ވެއްޓިފައެވެ. އަދި ދެމައިންނަށް ރަސްދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލު ދެރަވުމުގެ ސަބަބުންއެ ދެމީހުން މާލެ ގެނައެވެ.
ޒުވާނާގެ ހާލު މިހާރު ރަނގަޅުވަމުން އައި ނަމަވެސް، އޭނާގެ މަންމަގެ ހާލު ވަރަށް ގޯސް ކަމަށާއި ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު 00:51 ހާއިރު ހިނގި މި މާރާމާރީއާ ގުޅިގެން ޗައިނާގެ ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެހެންނަމަވެސް އެމީހުން ދޫކޮށްލުމުން ރަސްދޫ ރައްޔިތުން މިއަދު މުޒާހަރާކުރުމުން، އެ ޗައިނާ މީހުން މިހާރު ވަނީ އެރަށުން ބާލުވާފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.