ENGLISH
04 މޭ 2026
ރައީސް ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅު ތަފާތުވާނެ: ތަރުޖަމާނު
04 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ވަޑައިގަތުމުން އެ ގައުމުގެ ބޮޑުވަޒީރު އެމަނިކުފާނަށް މަރުހަބާ ވިދާޅުވުން، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއްޔެ ސްރީލަންކާއަށް ކުރައްވަން ފެއްޓެވި ފުރަމާނަ ދަތުރުފުޅު މީގެ ކުރިން ދިވެހިރާއްޖޭގެ ރައީސުން އެ ގައުމަށް ކުރެއްވި ފުރަމާނަ އަދި ރަސްމީ ދަތުރުފުޅުތަކާ ވަރަށް ބޮޑަށް ތަފާތުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މުންދު ވިދާޅުވީ ރާއްޖެއާއި ލަންކާގެ މެދުގައި އޮންނަނީ ޒަމާންވީ ހާއްސަ ގުޅުމެއް ކަމަށެވެ. އެގޮތުން އެ ގުޅުމުގެ މައިގަނޑު އަސާސަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަން ކަމަށާއި، ދިވެހިން ލަންކާއަށް ތައުލީމާއި ސިއްހީ ބޭނުންތަކުގައި ދަތުރުކުރާއިރު ލަންކާގެ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައި ވަޒީފާާ އަދާކޮށް ދިރިއުޅޭކަން މުންދު ފާހަގަކުރެއްވިއެވެ.
މުންދު ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބުމާއެކު ބައިނަލްއަގުވާމީ މަސްރަހުން ރާއްޖެއަށް ލިބުނު ފުރަތަމަ ބައިވެރިޔަކީ ސްރީލަންކާ ކަމަށެވެ. އަދި މިހާތަނަށް ބައިނަލްއަގުވާމީ މަސްރަހުގައި ސްރީލަންކާައިން ބޭނުންވާ ކަންކަމުގައި ރާއްޖެއިން އިސްވެ ފުރަތަމަ ތާއީދުކުރާއިރު، ރާއްޖެއިން ބޭނުންވާ ކަންކަމުގައި އެންމެ ފުރަތަމަ ތާއީދުކުރާ ގައުމަކީ ލަންކާ ކަމަށެވެ.
ސްރީލަންކާއަށް ރާއްޖޭގެ ވެރިން ކުރިންވެސް ދަތުރުކުރައްވާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ ކުރީގެ ރައީސުން ލަންކާއަށް ކުރައްވާ ފުރަމާނަަ ދަތުރުފުޅުތަކަކީ ވަރަށް ބޮޑަށް ރަމްޒީ ކަމެއް ކަމުގައި އޮތް ނަމަވެސް މިފަހަރު ރައީސް ޑރ.މުޢިއްޒު ލަންކާއަށް ކުރައްވާ ދަތުރުފުޅު ތަފާތުވާނެ ކަމަށެވެ. އެގޮތުން މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި މާނަހުރި އެތައް ކަމަކަށް އެއްބަސްވެވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"މީގެކުރިންވެސް ރާއްޖޭގެ ރައީސުން ފުރަމާނަ ދަތުރުފުޅު ކުރައްވާނެ ސްރީލަންކާއަށް. އެހެންނަމަވެސް މިއީ ތަފާތު ރަހައެއް އެކުލެވިގެންވާ ދަތުރުފުޅެއް. އެއީ އާއްމުކޮށް މިހެން ރައީސުން ވަޑައިގަންނަވާ ފުރަމާނަ ދަތުރުފުޅުގައި ސަަބްސްޓޭންސަށްވުރެ ބޮޑަށް މިއޮންނަނީ ސެރޮމޮނީ. އޮންނަ ގުޅުން ރަމްޒުކޮށްދިނުމަށް ވަރަށް ބޮޑަށް ވަރަށް ހާއްސަ ރަސްމިއްޔާތުތަކެއް މިއޮންނަނީ،" މުންދު ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަތްް އެއްބަސްވުމެއްގައި ސޮއިކުރެވޭއިރު، އޭގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރާއި އައިކަައިވިންއާއި އަސްކަރީ ދާއިރާއާއި ސަގާފަތާއި ތަރިކައާއި މަތީ ތައުލީމުގެ ދާއިރާއާއި މަސައްކަތްތެރިކަމުގެ ތަމްރީނު ދިނުމާ ގުޅޭ ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެ ކަމުގައި މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ލަންކާގެ ރައީސާއެކު ކުރައްވާ މަޝްވަރާަތަކުގެ ތެރޭގައި ރައީސް ޑރ.މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ބޭންކިން ދާއިރާއާއި އިންވެސްޓުމެންޓު ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ކުރިމަތިވެފައި ހުރި ދަތިތައް ހައްލުކުރެއްވުމާމެދުވެސް މަޝްވަރާކުރައްވާނެ ކަމުގައި މުންދު ވިދާޅުވިއެވެ.