ENGLISH
04 މޭ 2026
ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
04 މޭ 2026
|
ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައި. ފޮޓޯ؛ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެެ.
މިދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
އެންޑީއެމްއޭ މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ވިދާ ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުއެޅުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް:
* ހާމަ ތަނތަނާއި ޓެރެސް ފަދަ އުސް ތަންތަނުން ދުރުހެލިވުން.
* އިމާރާތްތެރޭގައި ތިބުން.
* ބޭރުގައިނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަނތަން ކައިރީ އަދި ގަސްދަށުގައި ނުތިބުން.
* އިލެކްޓްރޯނިކް ތަކެތި ކަރަންޓުން ނައްޓާލުމާއި، އެތަކެތި ބޭނުންކުރުމުން ދުރުހެލިވުން.
* ފެންބޮޑުވެފައިވާ ސަރަޙައްދުތަކާއި ތެމިފައިވާ ތަކެއްޗާއި، ދަގަނޑު ތަކެތިން ދުރުހެލިވުން.
ވޭތުވެދިޔަ 24 ގަޑި އިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވާކަމަށް ރެކޯޑުކުރެވިފައި ވަނީ ސ. ހިތަދުއަށެވެ. އެއީ 46.1 މިލިމީޓަރުގެ ވާރެ އެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވާކަމަށް ރެކޯޑުކުރެވިފައި ވަނީ ފ. ބިލެއްދޫއަށެވެ. ބިލެއްދޫއަށް 33 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑުކުރެވިފައި ވެއެވެ. އަދި ސ. ހުޅުމީދުއަށް 32.4 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.