ENGLISH
04 މޭ 2026
މާލޭ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ޗައިނާއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކުރިއަށްދޭ: ޑރ.މުއްތަލިބު
04 މޭ 2026
|
އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު
އެންމެ މަޤްބޫލު
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ މަގުތައް ތަރައްގީކުރުމަށް ހިންގުމަށް ނިންމާފައިވާ މަޝްރޫއު އެ ގައުމުން ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްދާކަމަށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ޑރ.މުއްތަލިބު މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެ މަޝްރޫއު ކުރިއަށްގޮސްފަައިވާ ހިސާބާ ގުޅޭ ގޮތުން ކުރެއްވި ސުވާލަކަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ހިލޭ އެހީއާއި ލޯނު އެހީއާއި ދައުލަތުގެ ބަޖެޓުގެ ތެރެއިން ހިންގާ މަޝްރޫއުތައް ހިންގަނީ ތަފާތު އުސޫލުތަކެއްގެ ތެރެއިން ހިންގާ މަޝްރޫއުތަކެއް ކަމަަށެވެ. އެގޮތުން އެއްވެސް ގައުމެއްގެ ހިލޭ އެހީގައި ހިންގާ މަޝްރޫއުތަކަކީ އެ ގައުމެއްގަައި އެކަމަށް ކަނޑައަޅާފައި އޮންނަ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއުތަކެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލޭ މަގުތައް ހެދުމުގެ މަޝްރޫއަކީ ޗައިނާއަށް ރައީސުލްޖުމްހޫެރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަމަޖެހުނު މަޝްރޫއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެއިރުއްސުރެ އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ސާވޭ ޑިޒައިންކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދައި އެކަން ހަވާލުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޗައިނާއިން ހިލޭ އެހީ ދީގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ސާވޭ ޑިޒައިންއާއި، ކޮންސްޓްރަކްޝަން ހަވާލުކުރުމުގެ މަރުހަލާތައް ކުރިއަށްގެންދަނީ އެގައުމުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ހިންގާ ޕްރޮކިއުމެންޓުގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ކުރީގައި ޗައިނާގެ ހިލޭ އެހީ ހިމެނޭ މަޝްރޫއެއްނަމަ ހިންގާފައިވާނީ އޭގެ ފީސިބިލިޓީ ސްޓަޑީ މަސައްކަތް ނިންމައި، ސާވޭ ޑިޒައިން ސްޓޭޖު ނިންމަައި ކޮންސްޓްރަކްޝަން ސްޓޭޖު ނިންމައިގެން. އަދި މިއިން ކޮންމެ ސްޓޭޖެއްގަައިވެސް ޗައިނާގައި ޓެންޑާކުރެވިގެން ޕްރޮކިއާކުރެވިގެން ވަކި ބަޔަކު ހޮވައިގެން އެ ބަޔަކު އައިސް މަސައްކަތްކޮށްފައި އަނެއް ސްޓޭޖަށް ދިއުމަށް މަސައްކަތްކުރަނީ. އެ އުސޫލުން މަގުހެދުމުގެ މަޝްރޫއުވެސް ކުރިއަށްދަނީ،" ޑރ.މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މިހާރު ފީސިބިލިޓީ ސްޓަޑީގެ މަރުހަލާވަނީ ނިމިފައެވެ. ސާވޭއާއި ޑިޒައިން މަސައްކަތްކުރާނެ ބަޔަކު ޓެންޑާކޮށްގެން މިހާރުވަނީ ހޮވާފައެވެ. އަދި މި މޭހުގެ ތެރޭގައި ސާވޭ ޑިޒައިންކުރާ ޓީމު ރާއްޖެއަށް އަންނާނެ ކަމަށާއި، ޑިޒައިން ފައިނަލްކުރެވުމުން އަމަލީ ގޮތުން މަޝްރޫއު ހިންގާނެ ކުންފުންޏެއް އިހުތިޔާރުކުރާނެ ކަމަށް ވިދާޅުވިއެވެ.
"އެހެން ގައުމުތަކުން ދޭ އެހީތައް، އަޅުގަނޑުމެން ދާންޖެހޭނީ އެގައުމުތަކުން ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ތެރެއިން ސަރުކާރުން ވަރަށް ބޭނުންވޭ ވަރަށް އަވަހަށް ފަށަން. އެހެންނަމަވެސް ހިލޭ އެހީގައި އަދި ލޯނު އެހީގައި ކުރިއަށްދާނަމަ އެކަންކަމަށް ރިއާޔަތްކޮށްގެން އެ ބޭފުޅުންނާއެކު ކުރިއަށްދާންޖެހޭނީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޗައިނާގެ އިތުރަށް އެހެން ގައުމުތަކުގެ ހިލޭ އެހީގައި ހިންގާ މަޝްރޫއުތަކުގައިވެސް ކަންކަން ކުރެވިގެންދަނީ މިކަހަލަ އުސޫލުތަކުގެ ތެރެއިންކަމަށާއި، ހިލޭ އެހީއަކީ އެ ގައުމެއްގެ ރައްޔިތުންގެ ޓެކްސް ފައިސާކަމަށްވާތީ އެ ގައުމެއްގެ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން ނޫނީ މަސައްކަތްތައް ނުހިނގާނެކަން ގަބޫލުކުރަންޖެހޭނެ ކަމަށެވެ.