ENGLISH
04 މޭ 2026
ރައީސްގެ އަރިހަށް ލަންކާގެ ފޮރިން މިނިސްޓަރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
04 މޭ 2026
|
ސްރީލަންކާގެ ފޮރިން މިނިސްޓަރ ރައީސް ޑރ.މުޢިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އަރިހަށް އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސްގެ މި ފުރަމާނަ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ދައުލަތުގެ ވަޒީރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މިއަދު ލަންކާގެ ހާރިޖީ ވަޒީރު ރައީސްގެ އަަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެ ބޭފުޅުންވަނީ ސްރީލަންކާއާއި ރާއްޖޭގެ މެދުގައި އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ގާތްކަމަކީ، އެއްގޮތް އުސޫލުތަކާއި ހިއްސާކުރަނަވި މަބްދައުތަކާއި، ބަދަހިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ދެ ގައުމަށް ލާބައާއި މަންފާ ލިބޭނެހެން އެކި ދާއިރާތަކުން ރާއްޖެއާއި ލަންކާގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ދެ ގައުމު ދެމިއޮންނާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް ދެއްވިއެވެ.
ތަރައްގީގެ މުހިންމު ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ގުޅުން ބަަދަހިކުރެވޭނެ ގޮތްތަކާމެދު ވަރަށް ތަފުސީލުކޮށް މަޝްވަރާކުރައްވާފައިވެއެވެ.
ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ މޭ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.