ENGLISH

17 އޭޕްރީލު 2026

Advertisement

ފެކްޓްރީތަކުގައި ތައްޔާރުކުރާ މަސްތުވާތަކެތި ދަނީ އާންމުވަމުން، ފަރުވާދިނުމުގެ އުކުޅުތައް ބަދަލުކުރަންޖެހޭ: އެންޑީއޭގެ އެކްޓިން ސީއީއޯ

17 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ޔޫއެންއޯޑީސީން ހަދިޔާ ކޮށްފައިވާ ޑްރަގް ޓެސްޓް ކިޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ؛ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

ފެކްޓްރީތަކުގައި ތައްޔާރު ކޮށްގެން އުފައްދާ މަސްތުވާތަކެތި އާންމުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ދެމުންދާ ފަރުވާގެ އުކުޅުތައް ބަދަލުކުރަންޖެހިފައި ވާކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ(އެންޑީއޭ)ގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.

ޔޫއެންއޯޑީސީން ހަދިޔާ ކޮށްފައިވާ ޑްރަގް ޓެސްޓް ކިޓްތައް ކަސްޓަމްސްއާއި ފުލުހުންނަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ ފެކްޓްރީތަކުގައި ތައްޔާރު ކޮށްގެން އުފައްދާ މަސްތުވާތަކެތި އާންމުވަމުންދާ ކަމަށެވެ. މިއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން އެކަމުން ސަލާމަތް ކުރުމަށް މީގެ ކުރިން ބޭނުން ކުރަމުންދާ އުކުޅުތައް ބަދަލުކުރަންޖެހޭ ކަމެށެވެ.

ނަމަވެސް ދުނިޔޭގައިވެސް މިފަދަ މަސްތުވާތަކެއްޗަށް ފަރުވާދިނުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ނެތުމުން ރާއްޖޭގައި އެފަދަ މީހުންނަށް ފަރުވާދިނުމަށް އެހެންް ގޮތްތަކެއް ހޯދަން ޖެހިފައިވާކަން އެކްޓިން ސީއީއޯ ފާހަގަކުރެއްވި އެވެ.

ޔޫއެންއޯޑީސީން ހަދިޔާ ކޮށްފައިވާ ޑްރަގް ޓެސްޓް ކިޓްތަކަކީ މިދިޔަ ޖެނުއަރީ މަހު ނޭޝަނަލް ޑްރަގް އޭޖެންސީއަށް ހަދިޔާކޮށްފައިވާ ކިޓުތަކެކެވެ. މި ތަކެތި ފުލުހުންނާއި ކަސްޓަމްސްއަށް ހަވާލުކުރުމަށްޓަކައި އިިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

ޔޫއެންއޯޑީސީއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޓެސްޓް ކިޓުތަކުގެ ތެރޭގައި ހިމެނެނީ، 30 ޑްރަގް ޓެސްޓް ކިޓާއި، 30 ޕްރިކާސާރ ކެމިކަލް ކިޓުގެ އިތުރުން 180 ޕޮކެޓް ކެމިކަލް ޓެސްޓް ކިޓެވެ. މީގެއިތުރުން ޓެސްޓް ކިޓުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ވީޑިއޯތައް ހިމެނޭ ފަސް ޔޫއެސްބީ ޑްރައިވްވެސް ވަނީ ހަދިޔާ ކޮށްފަ އެވެ.

މީގެ ތެރެއިން ކަސްޓަމްސްއަށް ވަނީ، 20 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 60 ޕޮކެޓް ކިޓްސް ހަވާލުކޮށްފައެވެ. މީގެ އިތުރުން 40 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 120 ޕޮކެޓް ކިޓް ފުލުހުންނާ ހަވާލުކޮށްފައިވެއެވެ.

މި ޓެސްޓް ކިޓުތަކަކީ އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކިޓުތަކެކެވެ. އަދި މި ކިޓުތައް ތައްޔާރުކޮށްފައިވަނީ، ވަގުތު ސަލާމަތްކޮށް، ސައްޙަ ނަތީޖާ ފޯރުކޮށްދިނުމުގެ އިތުރުން ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭގޮތަށެވެ. މި ޓެސްޓް ކިޓުތަކަކީ، އާއްމުކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތް ޓެސްޓް ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ ކިޓުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު