ENGLISH
17 އޭޕްރީލު 2026
ދިވެހިންގެ ތާއީދު އޮތީ ޕީއެންސީގެ ސިޔާސަތަށް: ޝުޖާއު
17 އޭޕްރީލު 2026
|
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު -- ފޮޓޯ: ޕީއެންސީ ސެކްރެޓޭރިއެޓް
އެންމެ މަޤްބޫލު
ދިވެހިންގެ ތާއީދު އޮތީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސިޔާސަތުތަކަށްކަން ނިމިދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ނަތީޖާއިން ހާމަވެގެންގޮސްފައިވާކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ. މުރައިދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ކޮންމެ އިންތިޚާބަކީވެސް ރައްޔިތުން ވަރަށް ގިނަ ކަންކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ތާއީދު އޮތްކަން ރައްޔިތުން ބުނެދީފައިވާކަން ފާހަގަކުރައްވައި ޝުޖާއު ވަނީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް އަދި ޕީއެންސީއަށް ލިބުނު ޖުމްލަ ނަތީޖާ ހާމަކުރައްވާފައެވެ. މިގޮތުން ޕީއެންސީއަށް ޖުމްލަ 277،011 (ދެލައްކަ ހަތްދިހަ ހަތްހާސް އެގާރަ) ވޯޓު ލިބިފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 258،050 (ދެލައްކަ ފަންސާސް އަށްހާސް ފަންސާސް) ވޯޓު ކަމަށާއި، މިކަމުން ޕީއެންސީއަށް އޮތް ތާއީދު ސާފުކަމަށް ޝުޖާއު ވިދާޅުވިއެވެ.
"އެއީ ވޯޓުގެ ނިސްބަތުން 39.8 އިންސައްތަ އެމްޑީޕީއަށް، އަދި ޕީއެންސީއަށް 42.92 އިންސައްތަ. އެހެންވީމަ ދިވެހި ލޮބުވެތި ރައްޔިތުންގެ ތާއީދު އޮތީ އަޅުގަނޑުމެންގެ ޕާޓީއަށް. މި ޕާޓީގެ ސިޔާސަތަށް" - ޝުޖާެއު ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖެއަށް ފެނިފައިވަނީ އިންތިޚާބުގެ ނަތީޖާ ހާމަކުރުމުން އެކަމާ ކޯފާ އިސްކުރައްވާ ރައީސްއެއް ކަމަށާއި، އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މި ނަތީޖާ ބަލައިގަނެ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވަންކަމަށް ޝުޖާއު ވިދާޅުވިއެވެ.
އެކަންކަން ރަނގަޅުކޮށް، ސަރުކާރު ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އަދި މިކަން ކުރުމަށް ސިޔާސަތަކަށް ނުވަތަ ގާނޫނަކަށް ބަދަލު ގެންނަވަން ބޭނުންފުޅުވާނަމަ އެކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޝުޖާއު ވަނީ ދެއްވާފައެވެ.